ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސް، 21,836.50 ރުފިޔާ އަށް އިތުރުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސް އިން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ފައިސާގެ މިންވަރު ނުވަތަ ނިޞާބަށް ބަދަލު ގެނެސް، އެކަން މިއަދު އިއުލާނު ކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 (އެކާވީސް ހާސް އަށްސަތޭކަ ތިރީސް ހަ ރުފިޔާ ފަންސާސް ލާރި) އެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19,527.90 (ނަވާރަ ހާސް ފަސްސަތޭކަ ހަތާވީސް ރުފިޔާ ނުވަދިހަ ލާރި) އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ފައިސާގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެގޮތުން، މިފަހަރު ނިޞާބަށް ބަދަލު އައިސްފައިވަނީ ބައިނަލްއަޤުވާމީ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ. ޒަކާތު ހައުސް އިން ބުނި ގޮތުގައި މިހާރު ރާއްޖޭގައި ރިހީގެ ގްރާމެއްގެ އަގަކީ 36.70 ރުފިޔާއެވެ. އެއާއެކު، މުދަލު ޒަކާތުގެ ނިޞާބު ހަމަވާ މިންވަރު ކަމަށްވާ 595 ގްރާމް ރިހީގެ އަގަކީ 21,836.50 ރުފިޔާއެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ އަތުގައި ނިޞާބު ހަމަވާ މިންވަރަށް މުދާ ހުރެ، އެ މުދަލެއްގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އެ މުދަލުން ޒަކާތް ނެރުމަކީ ދީނީ ގޮތުން ވާޖިބު ކަމެކެވެ. ރާއްޖޭގައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވައި، ޒަކާތާ ގުޅޭ ކަންކަން މިހާރު ބަލަހައްޓަމުން ދަނީ އެ އިދާރާގެ ދަށުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close