ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަކީ އިސްކަމެއް ދޭންޖެހޭ ކަމެއް – އެންޓޯނިއޯ ކޮސްޓާ

ހޮރްމޫޒް ކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި އަލުން ހުޅުވާލުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް، ވިލާތުގެ އިއްތިހާދުގެ ރައީސް އެންޓޯނިއޯ ކޮސްޓާ، އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް ދަންނަވައިފިއެވެ.
ކޮސްޓާ މިހެން ވިދާޅުވީ ހޯމަ ދުވަހު އުރުދުންގެ ރަސްގެފާނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަޝްވަރާތަކާ ގުޅޭގޮތުން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ކޮސްޓާ ވިދާޅުވީ، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވިލާތުގެ އިއްތިހާދު އޮތީ އެކުވެރި ގައުމުތަކާ އެކުގައި ކަމަށާއި، މަޝްވަރާގެ މަގުން މައްސަލަތައް ހައްލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅި އެއްވެސް ހުރަހެއް ނެތި ދާއިމީކޮށް ހުޅުވާލުމަކީ އެ އިއްތިހާދުގެ އިސްކަމެއް ކަމަށާއި، ލުބުނާނުގެ މަސްރަހު ގޯސްވަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެއީ އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބަންދުގެ ތެރެއިން ދަތުރުކުރަން އުޅުމުން، އެމެރިކާ އިން އެ ބޯޓު ހިފެހެއްޓުމާ ގުޅިގެންނެވެ. މި އަމަލުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައިވާއިރު، ސުލްހައިގެ އާ ވާހަކަތަކުގައި ބައިވެރިވުމަށް ވެސް ތެހެރާނުން މިވަގުތު ވަނީ ދެކޮޅު ހަދާފައެވެ.
އެމެރިކާ އިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތްއިރު، އީރާނުން ދަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ބޭނުންކުރާ ތެލާއި ގަސްގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ، ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދެކެވެ.


