ވިއްކުމަށްޓަކައި އެހެން މީހަކާ ހަވާލުކުރާ މުދަލުން ޒަކާތް ނެރުން

ސުވާލު: މީހަކު އަނެކަކަށް ވިއްކުމަށްޓަކައި ހަވާލުކުރާ މުދަލުން، އަދި އެ ވިއްކައިގެން ލިބޭ ފައިދާ ދެމީހުންގެ މެދުގައި ބަހާ ގޮތަށް އޮންނަ ހާލަތުގައި ޒަކާތް ހިސާބުކުރާނީ ކިހިނެއް ހެއްޔެވެ؟ މުދަލުގެ ވެރިފަރާތުން ޒަކާތް ނެރޭއިރު، މުދާ ގަތް އަގަށް، ވިއްކާ އަގާއި ގަތް އަގާ ދެމެދު ހުރި ތަފާތުގެ (ފައިދާގެ) ދެބައިކުޅަ އެއްބައި އެއްކުރަން ޖެހޭނެ ހެއްޔެވެ؟ ސަބަބަކީ މުދާ ވިއްކާ މީހާއަށް ފައިދާގެ ދެބައިކުޅަ އެއްބައި ލިބޭތީއެވެ. ނުވަތަ މުދަލުގެ ވެރިފަރާތުން މުޅި ވިއްކާ އަގުން ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟
ޖަވާބު:
ޙަމްދު ހުރީ މާތްﷲ އަށެވެ. އަދި ﷲގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
ވިޔަފާރި މުދަލުން ޒަކާތް ނެރެންޖެހެނީ ވިއްކުމަށް ތައްޔާރުކޮށްފައިވާ މުދަލުންނެވެ. އޭގެ ތެރޭގައި އެ މުދާ ވިއްކައިގެން ލިބޭ ފައިދާ (ފައިދާއެއް ވާނަމަ) ހިމެނެއެވެ. އަދި ހިޖުރީ ގޮތުން އަހަރެއް ފުރިހަމަވުމުން، އެ މުދަލެއް ބާޒާރުގައި އެވަގުތު ހުރި އަގަށް ބަލައިގެން ޒަކާތް ހިސާބުކުރަންވާނެއެވެ.
ކުރެވިފައިވާ ސުވާލަކީ، މުދާ ވިއްކައި ފައިދާ ބެހުމުގެ ކުރިން، މީހަކާ ވިއްކަން ހަވާލުކުރާ މުދަލުގެ ޒަކާތާ ގުޅޭ ސުވާލެކެވެ.
މި ހާލަތުގައި، ޢިލްމުވެރިންގެ ބުރަވެލައްވާ ރައުޔަކީ، މުދަލުގެ ވެރިފަރާތުން ޒަކާތް ނެރެންޖޭހޭނީ އޭނާ އިންވެސްޓްކުރި ރައުސްމާލާއި، މުދާ ވިއްކާ މީހާއާއެކު އެއްބަސްވެފައިވާ ފައިދާގެ ތެރެއިން އޭނާއަށް ލިބޭ ބައި އެއްކުރުމަށްފަހުގައެވެ. މަސައްކަތްކުރާ މީހާއަށް (ވިއްކާ މީހާއަށް) ލިބޭ ފައިދާގެ ބައި މީގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ.
މަސައްކަތްކުރާ މީހާގެ ފައިދާގެ ބައިން ޒަކާތް ނެރުން އޮތީ، އޭނާއަށް އެ ފައިދާ ލިބި، އެއީ އަމިއްލައަށް ނުވަތަ އޭނާގެ އަތުގައި ހުރި އެހެން މުދަލަކާ އެއްކުރުމުން ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރެއް ފުރިހަމަވުމުންނެވެ.
އިބްނު ގުދާމާ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ: “މީހަކު އަނެކަކަށް ވިޔަފާރިކުރުމަށް އެއްހާސް ދިނުމަށްފަހު، ފައިދާ ދެމީހުންގެ މެދުގައި އެއްވަރަކަށް ބެހުމަށް އެއްބަސްވެ، އަހަރެއް ފާއިތުވިއިރު އެ ފައިސާ ތިންހާހަށް އިތުރުވެފައިވާނަމަ، ރައުސްމާލުގެ ވެރިފަރާތުން ދެހާހުން ޒަކާތް ނެރެންޖެހޭނެއެވެ. ސަބަބަކީ ފައިދާގެ ޒަކާތް ވާޖިބުވަނީ ރައުސްމާލަށް އަހަރު ފުރިހަމަވުމުން ކަމަށްވާތީއެވެ… އަދި މަސައްކަތްކުރާ މީހާގެ ފައިދާގެ ބަޔަކީ އޭނާގެ އަމިއްލަ މިލްކަކަށް ވާތީއެވެ. އެއީ ރައުސްމާލުގެ ވެރިފަރާތުގެ އެއްޗެއް ނޫނެވެ. އެހެނީ މަސައްކަތްކުރާ މީހާއަށް އެ ބަޔަށް އެދުމުގެ ޙައްޤު އޮވެއެވެ.
މަސައްކަތްކުރާ މީހާގެ ބަޔަށް ބަލާއިރު، ފައިދާ ބެހި، އޭނާއަށް އެބައި ލިބި، އެއަށް އަހަރެއް ފުރިހަމަވަންދެން އޭނާ ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. އެއަށްފަހު އޭނާ އެއިން ޒަކާތް ނެރެންޖެހޭނެއެވެ. މިއީ އިމާމް އަޙްމަދު ވިދާޅުވެފައިވާ ގޮތެވެ.” (އަލް-މުޣުނީ، 4/260)
ޝައިޚް އިބްނު ޢުޘައިމީން (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ: “މަސައްކަތްކުރާ މީހާގެ ފައިދާގެ ބައިން ޒަކާތް ނެރުން ވާޖިބެއް ނުވާނެއެވެ. ސަބަބަކީ އެ ފައިދާއަކީ ރައުސްމާލު ރައްކާތެރިކޮށްދޭ އައްޑަނައަކަށް ވާތީއެވެ.
މިސާލަކަށް، ތިބާ މީހަކަށް ވިޔަފާރިކުރަން އެއްލައްކަ ރުފިޔާ ދީފިއެވެ. އަދި އޭގެއިން ދިހަހާސް ރުފިޔާގެ ފައިދާ ލިބި، ވެރިފަރާތާއި މަސައްކަތްކުރާ މީހާއަށް ކޮންމެ މީހަކަށް ފަސްހާސް ރުފިޔާ ލިބޭ ގޮތަށް ހަމަޖެހުނެވެ. މަސައްކަތްކުރާ މީހާގެ ފަސްހާސް ރުފިޔާގެ ބައިން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. ސަބަބަކީ އެއީ ގެއްލުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ބަޔަކަށް ވާތީއެވެ. އެއީ ރައުސްމާލު ރައްކާތެރިކުރާ އެއްޗެކެވެ. ރައުސްމާލަށް ގެއްލުމެއް ލިބިއްޖެނަމަ އޭނާއަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. ނަމަވެސް މުދަލުގެ ވެރިފަރާތަށް ލިބޭ ފައިދާގެ ބައިން ޒަކާތް ދޭންޖެހޭނެއެވެ. ސަބަބަކީ އެ ފައިދާ ރައުސްމާލާ ގުޅިފައިވާތީއެވެ. އެހެންކަމުން ވެރިފަރާތުގެ ރައުސްމާލާއި އޭނާއަށް ލިބޭ ފައިދާގެ ބައިން ޒަކާތް ދިނުން ވާޖިބުވާނެއެވެ.” (އައްޝަރްޙުލް މުމްތިއު، 6/17)
ރިފަރެންސް: އިސްލާމްކިއުއޭ

