ބޭރުދުނިޔެ ޙިޒުބުﷲގެ މެންބަރަކު ލުބުނާނާއި އިސްރާއީލާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ޙިޒުބުﷲގެ މެންބަރަކު ލުބުނާނާއި އިސްރާއީލާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ޙިޒުބުﷲގެ މެންބަރަކު ލުބުނާނާއި އިސްރާއީލާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލާއި ލުބުނާނާ ދެމެދު ސީދާ މަޝްވަރާތައް ބޭއްވުމަށް ނިންމާފައިވާ ނިންމުމަށް ޙިޒުބުﷲގެ މެންބަރު ހަސަން ފަޟްލަﷲ ހޮނިހިރު ދުވަހު އަނެއްކާވެސް ދެކޮޅު ހައްދަވައިފިއެވެ. މި ދަނޑިވަޅަކީ ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 10 މީހުން ޝަހީދުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފައިވާ ވަގުތެކެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައޫންގެ އޮފީހުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ލުބުނާނާއި އިސްރާއީލު އަދި އެމެރިކާގެ އިސްވެރިން އަންނަ ހަފުތާގައި ވޮޝިންގޓަންގައި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގެ މަގުސަދަކީ “ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، އެމެރިކާގެ މެދުވެރިކަމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ފަށާނެ ތާރީޚެއް ކަނޑައެޅުން” ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ބެއިރޫތުން ބޭނުންވަނީ ލުބުނާނުގެ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށެވެ. ނަމަވެސް އިސްރާއީލުން މި މަޝްވަރާތައް ސިފަކުރަނީ ދިހަވަތަކެއް އަހަރު ވަންދެން ހަނގުރާމައިގެ ހާލަތެއްގައި އޮތް ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ސުލްހަ ގާއިމުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ.

އިރާނުގެ މަދަދުލިބޭ ޙިޒުބުﷲއިން، ފަލަސްތީނުގެ ގައްޒާއަށް ތާއީދުކުރުމުގެ ގޮތުން މާރިޗު 2 ވަނަ ދުވަހު އިސްރާއީލަށް ރޮކެޓް ހަމަލާދީ، ލުބުނާނު މި ހަނގުރާމައިގެ ތެރެއަށް ވައްދާލުމާ ގުޅިގެން، ރައީސް އައޫން ގެންދެވީ ސީދާ މަޝްވަރާތަކަށް ތައްޔާރަށް ހުންނެވިކަން ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، އެއްގަމު މަގުން އެ ގައުމަށް އަރާފައެވެ.

މީގެއިތުރުން، އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސައިދާގައި ހޮނިހިރު ދުވަހު ވަނީ، ލުބުނާނުގެ ދެކުނުގެ ނަބަޠިއްޔާގައި ހުންނަ ސްޓޭޓް ސެކިއުރިޓީގެ އޮފީހަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވި އެ އިދާރާގެ 13 މުވައްޒަފެއްގެ ޖަނާޒާ ބާއްވާފައެވެ. މި ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ޙިޒުބުﷲގެ މަޖިލިސް މެންބަރު ފަޟްލަﷲ ވިދާޅުވީ އިސްރާއީލާއެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ނިންމި ނިންމުމަކީ “ގައުމީ އެއްބަސްވުމާއި، ގާނޫނުއަސާސީ އަދި ލުބުނާނުގެ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް” ކަމަށެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ފިޔަވަޅުގެ ސަބަބުން “ގައުމުގެ އެތެރޭގެ ބައިބައިވުން ބޮޑުވެގެންދާނެ” ކަމަށާއި، މި ވަގުތަކީ އިސްރާއީލުގެ އުދުވާނާ ކުރިމަތިލުމަށާއި ގައުމީ ސުލްހަ ދެމެހެއްޓުމަށްޓަކައި ލުބުނާނަށް އެންމެ ބޮޑަށް އެއްބައިވަންތަކަން ބޭނުންވެފައިވާ ވަގުތު ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުން ހިމާޔަތްކުރުމުގައި ނާކާމިޔާބުވެފައިވާ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޔެހިއެލް ލައިޓަރ ވިދާޅުވީ، ލުބުނާނުގެ ސަރުކާރާއެކު “ރަސްމީ ސުލްހައިގެ މަޝްވަރާތައް ފެށުމަށް އިސްރާއީލުން އެއްބަސްވެފައިވާ” ކަމަށެވެ. ނަމަވެސް، ޙިޒްބުﷲ އާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް އިސްރާއީލުން އިންކާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިރާނުގެ މަތީ ލީޑަރުގެ މުޝީރު އަލީ އަކްބަރު ވެލާޔަތީ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ދަންނަންޖެހޭ ހަގީގަތަކީ “މުގާވަމާ (ރެސިސްޓަންސް) އާއި ހިތްވަރުގަދަ ހިޒްބުއްލާގެ މުހިންމު ދައުރަށް އިހުމާލުވުމަކީ ލުބުނާނުގެ ސަލާމަތަށް އިއާދަނުކުރެވޭނެ ފަދަ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް” ކަމަށެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހޮނިހިރު ދުވަހު އިސްރާއީލުން ދެކުނަށް ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުވެފައިވެއެވެ. އަދި އިސްރާއީލުން 12 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި ލުބުނާނުގެ ސިވިލް ޑިފެންސްގެ މެންބަރަކާއި، ޙިޒްބުﷲ އާގުޅުން އޮންނަ އިސްލާމިކް ހެލްތު ކޮމިޓީގެ ދެ ޕެރާމެޑިކުން ހިމެނޭ ކަމަށެވެ. އަދި އިސްރާއީލުން ރޭވުންތެރިކަމާއެކު ރެސްޕޮންޑަރުންނަށް ހަމަލާދެމުންދާ ދިއުން އެ މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

ހަނގުރާމަ ފެށުނު ފަހުން ލުބުނާނުން މިހާތަނަށް 1,950 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއާއި އިރާނާ ދެމެދު މި ހަފުތާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކުރުމަށްފަހު، އެ އެއްބަސްވުން ލުބުނާނަށް ހިނގާނެތޯ ނުވަތަ ނޫންތޯ މިހާރު ވަނީ ބޮޑު ބަހުސަކަށް ވެފައެވެ. އިސްރާއީލުން ދަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ޙިޒުބުﷲއިންވެސް ދަނީ އެ ހަމަލާތަކަށް ރައްދު ދެމުންނެވެ.

ހުކުރު ދުވަހު ޙިޒުބުﷲއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސަރުކާރުގެ މައި އޮފީސް ކުރިމަތީގައާއި ބެއިރޫތުގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފައެވެ. ލުބުނާނުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ވަނީ “ގައުމުގެ ހަމަޖެހުމާއި ސުލްހައަށް ބުރޫއަރާފާނެ އެއްވެސް އަމަލެއް ނުހިންގުމަށް” އިންޒާރުދީ، ދާޚިލީ ހަމަޖެހުމަށް ލިބޭ ކޮންމެ އުނދަގުލަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ޓެގް

ހިޒުބުﷲ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.