އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 4-0 ގެ ބޮޑު ތަފާތަކުން ވުލްވްސް ބަލިކުރުމާ ގުޅިގެން، ޓޮޓެންހަމް ހޮޓްސްޕާސް ތާވަލުގެ ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެއެވެ.
މި މޮޅާއެކު ވެސްޓް ހޭމް ވަނީ 32 މެޗުން 32 ޕޮއިންޓް ހޯދައިގެން ތާވަލުގެ 17 ވަނައަށް ޖެހިލާފައެވެ. މިއާޚިލާފަށް، 31 މެޗުން 30 ޕޮއިންޓާއެކު ޓޮޓެންހަމް މިހާރު އޮތީ ތާވަލުގެ 18 ވަނައިގައެވެ.
ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމްއަށް ލީޑު ނަގައިދިނީ ކޮންސްޓަންޓީނޯސް މަވްރަޕާނޯސްއެވެ. މެޗުގެ ދެވަނަ ހާފުގައި އެ ޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، އޭގެ ތެރެއިން ދެ ލަނޑު ތިން މިނިޓު ތެރޭގައި ޖަހައިދިނީ ޓަޓީ ކަސްޓެޔާނޯސްއެވެ. ވެސްޓް ހޭމްގެ ފަހު ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މަވްރަޕާނޯސްއެވެ.
މި ނަތީޖާއާއެކު، ޓޮޓެންހަމްގެ އާ ކޯޗު ރޮބާޓޯ ޑި ޒާބީ މާދަމާ ސަންޑަލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭނީ ޓީމު ރެލިގޭޝަން ޒޯނުގައި އޮއްވައެވެ. ވެސްޓް ހޭމްއަށް މި ލިބުނު މުހިންމު ތިން ޕޮއިންޓަކީ ލީގުގައި ދެމިއޮތުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ މަވްރަޕާނޯސް އަމިއްލަ ދަނޑުގައި ކުޅުނު އެންމެ ފަހު ތިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...