ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

މެދުއިރުމަތީގައި ދެ ހަފުތާގެ މުއްދަތަށް އިިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮޮންނާނެކަމާ މެދު އުފެދުނު ޝައްކުތަކާ އެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބުރާސްފަތި ދުވަހު އުފުލިއްޖެއެވެ. އަގުތައް އުފުލެން މެދުވެރިވީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ.
ސައުދީ ގަޑިން ހެނދުނު 06:25 ގައި ބްރެންޓް ކުރޫޑްގެ އަގު 1.96 ޑޮލަރު (2.07 އިންސައްތަ) މައްޗަށް ގޮސް، ފީފާއެއްގެ އަގު ހުރީ 96.71 ޑޮލަރުގައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއު.ޓީ.އައި) ކުރޫޑްގެ އަގު 2.60 ޑޮލަރު (2.75 އިންސައްތަ) އުފުލި، ފީފާއެއްގެ އަގު ވަނީ 97.01 ޑޮލަރަށް އަރާފައެވެ.
ކުރީގެ ވިޔަފާރީގެ މުއާމަލާތްތަކުގައި، ހަނގުރާމަ ހުއްޓާލުމުން ކަނޑުއޮޅި އަލުން ހުޅުވޭނެ ކަމަށް ބެލެވި، ދެ ބާވަތުގެ ތެލުގެ އަގު ވެސް ވަނީ 100 ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. މިއީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޑަބްލިއު.ޓީ.އައިގެ އަގު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ނަމަވެސް، މާހިރުން ވިދާޅުވާ ގޮތުގައި ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޖިއޯޕޮލިޓިކަލް ނުވަތަ ސަރަހައްދީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަށް ދީފައިވާ އަގުތައް ދަށްކުރަން އަދި ޖެހިލުންވެއެވެ. އަދި އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުން ތެލުގެ ސަޕްލައިއަށް ކުރާނެ އަސަރެއް އަދި ސާފެއް ނުވެއެވެ.
ތެލުގެ ބާޒާރު ދިރާސާކުރާ ‘ވޭންޑާ އިންސައިޓްސް’ ގެ ބާނީ ވަންދަނާ ހަރީ ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅި ކައިރި މުސްތަގުބަލެއްގައި އާންމު ހާލަތަކަށް އަތުވެދާނެ ކަމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
އިރާގު، ސައުދީ އަރަބިއްޔާ، ކުވައިތު އަދި ގަތަރު ފަދަ ގަލްފުގެ ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ފޮނުވާ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލަނީ މި މުހިންމު ކަނޑުއޮޅި މެދުވެރިކޮށެވެ.
ބުދަ ދުވަހު އިސްރާއީލުން ލުބުނާނަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮޮތުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. އީރާނުން ބުނެފައިވަނީ މިފަދަ ހާލަތެއްގައި ދާއިމީ ސުލްހައިގެ މަޝްވަރާތަކާައިގެން ކުރިއަށް ދިއުމަކީ “ބުއްދިވެރި” ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ބުދަ ދުވަހު ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުތައް އަލުން ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް އިތުރަށް ސާފުވާންޖެހޭ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅިގެން، ކަނޑުގެ މައިންތަކުން ސަލާމަތްވެގެން ދަތުރުކުރެވޭނެ ރައްކާތެރި މަގުތައް ދައްކައިދޭ ޗާޓުތަކެއް އީރާނުން ވަނީ އާންމުކޮށްފައެވެ.
ސްޓޭންޑަރޑް ޗާޓަރޑްގެ މާހިރުން ފާހަގަކުރެއްވި ގޮތުގައި، ލޮޖިސްޓިކްސްގެ ދަތިތަކާއި، ސަލާމަތީ ބިރުވެރިކަމާއި، އިންޝުއަރެންސް ޕްރީމިއަމް ބޮޑުވުމުގެ ސަބަބުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އިތުރަށް ސަޕްލައި ކުރެވޭނެ ހަކަތައިގެ މިންވަރު ހުންނާނީ ވަރަށް ދަށުގައެވެ.
ސަރަހައްދުގެ ތެޔޮ ރައްކާކުރާ ތަންތަނަށް އޮތް ނުރައްކާ ވެސް އަދި ކުޑައެއް ނުވެއެވެ. ތެލުގެ ސިނާއަތުގެ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އީރާނުން ވަނީ އަވަށްޓެރި ގައުމުތަކުގެ ބައެއް ތަންތަނަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅި ބަންދުވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ ތެޔޮ ހޮޅިއަކަށް ދިން ހަމަލާ ހިމެނެއެވެ. މީގެ އިތުރުން ކުވައިތު، ބަހްރޭން އަދި ޔޫ.އޭ.އީ އަށް ވެސް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހުރިހާ ނުތަނަވަސްކަމެއްގެ ތެރޭގައި ވެސް، ގޯލްޑްމަން ސެކްސްއިން ވަނީ މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ތެލުގެ އަގު ހުންނާނެ ކަމަށް ލަފާކުރި މިންވަރު ބަދަލުނުކޮށް ހިފަހައްޓާފައެވެ. އެއީ ބްރެންޓް ކުރޫޑަށް 82 އަދި 80 ޑޮލަރެވެ. އަދި ޑަބްލިއު.ޓީ.އައި އަށް 77 އަދި 75 ޑޮލަރެވެ.
ނަމަވެސް، ހޯރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު ކޮންމެވެސް ވަރަކަށް އިތުރުވާން ފަށާފައިވާތީ، ދެވަނަ ކުއާޓަރުގައި ތެލުގެ އަގު ހުންނާނެ ކަމަށް ލަފާކުރި މިންވަރު އެ ބޭންކުން ވަނީ ދަށްކޮށްފައެވެ. އެއީ ބްރެންޓް ކުރޫޑަށް 90 ޑޮލަރު އަދި ޑަބްލިއު.ޓީ.އައި އަށް 87 ޑޮލަރެވެ.
