އީރާނުން އެމެރިކާގެ ހުށަހެޅުންތަކަށް އިޖާބަނުދީފިނަމަ، “މުޅި އުންމަތެއް މިރޭ ނެތިގެން ހިނގައިދާނެ” ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމަށްފަހު، އީރާނަށް ދޭން ރޭވި ވަރުގަދަ ވައިގެ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް ފަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ.
އަންގާރަ ދުވަހުގެ ރޭ ހަމަލާ ދިނުމަށް ކަނޑައަޅާފައި އޮތް ވަގުތަށް ކުޑަތަންވެފައި ވަނިކޮށް، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ “ޓްރޫތް ސޯޝަލް” މެދުވެރިކޮށް އޭނާ ވަނީ މި ނިންމެވުން ބަދަލުކުރެއްވިކަން ހާމަކުރައްވާފައެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ޕާކިސްތާނުން އަދާކުރި ދައުރަށް ޓްރަމްޕް ތައުރީފު ކުރެއްވިއެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން އީރާނުން ހޯރްމުޒް ކަނޑުއޮޅި (Strait of Hormuz) އަލުން ހުޅުވާލަން ޖެހޭނެ ކަމަށް ޝަރުތުކޮށް، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
“ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެކެވުނު ވާހަކަތަކަށް ބިނާކޮށް، އަދި މިރޭ އީރާނަށް ފޮނުވަން ތައްޔާރުކޮށްފައިވާ ނުރައްކާތެރި ހަމަލާތައް މަޑުޖައްސާލުމަށް އެ ބޭފުޅުން އެދިވަޑައިގަތުމުން، އަދި އީރާނުން ހޯރްމުޒް ކަނޑުއޮޅި ވަގުތުންނާއި ރައްކާތެރިކަމާއެކު ފުރިހަމައަށް ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން، ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް އީރާނަށް ހަމަލާދިނުން މެދުކަނޑާލަން އަޅުގަނޑު ނިންމައިފީމެވެ،” ޓްރަމްޕް ލިޔުއްވާފައިވެއެވެ.
ޓްރަމްޕް މި މެސެޖު އާންމުކުރެއްވީ އެމެރިކާގެ އިރުމަތީ ގަޑިން އިރުއޮއްސި 6:32 ގައެވެ. އެއީ ހަމަލާ ދިނުމަށް އެންމެ ފަހުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭގަނޑު 8:00 ޖެހުމުގެ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ކުރިއެވެ.
ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވަގުތީ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
“އީރާނަށް ދޭން އުޅޭ ހަމަލާތައް ހުއްޓާލައިފިނަމަ، އަޅުގަނޑުމެންގެ ވަރުގަދަ އަސްކަރީ ބާރުތަކުން ވެސް ދިފާއީ އޮޕަރޭޝަންތައް ހުއްޓާލާނެ،” އަރާގްޗީ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތުގައި އީރާނުގެ އަސްކަރިއްޔާގެ އިރުޝާދާ އެއްގޮތަށް އަދި ފަންނީ ކަންކަމަށް ރިއާޔަތްކޮށް، ހޯރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަރާގްޗީ ވެސް ވަނީ އެމެރިކާގެ ހަމަލާތައް ހުއްޓުވުމަށް އެންމެ ފަހު ވަގުތު ޕާކިސްތާނުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާނަމަ، މިހާރު ކަނޑައަޅާފައިވާ ދެ ހަފުތާގެ މުއްދަތަށްވުރެ އިތުރަށް ވެސް ހަމަލާދިނުން މެދުކަނޑާލުން ދެމެހެއްޓިދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...