މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން އެ ޕާޓީއާ ހަވާލުކުރި ބޮޑު ޒިންމާއެއް ކަމަށް ވިދާޅުވެ، އެ ޕާޓީން ހަރަކާތްތެރިވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން ފެނިގެންދިޔައީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ އޮތް ނުރުހުން ކަމަށެވެ. އަދި މި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބުނީ، ސަރުކާރާ ދެކޮޅަށް ތެދުވި ހަމައެކަނި ޕާޓީއަކަށް އެ ޕާޓީ ވުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ޕީއެންސީއަށް ވޯޓު ނުދިނުމަށް އެމަނިކުފާނު ކުރެއްވި އިލްތިމާސް ގަބޫލުކުރި ރައްޔިތުންގެ ވޯޓު އެމްޑީޕީއަށް ލިބުމަކީ އެ ޕާޓީން މަޑުން ތިބެންވީ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވާ ސަރުކާރުގެ ނުފޫޒުތައް ނައްތާލުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެމްޑީޕީ މިއަދު ތި ތިބީ ހަމަ ޒިންމާދާރު މަގާމެއްގައި. ކޮންމެހެން ސަރުކާރު ހިންގާކަށް ނުޖެހޭ ރައްޔިތުންނަށް ހިދުމަތް ކުރާކަށް. މިހާރު މި ސަރުކާރުން ހިންގާ ގޯސްތައް ރައްޔިތުން މިތިބީ ބަލަން، އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވާތަން،” ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކޯޓުތަކުގައި ހުރި މައްސަލަތައް ސަރުކާރުގެ ނުފޫޒުން ހުއްޓިފައިވާ ކަމަށް ތުހުމަތުކުރައްވައި، އެކަންކަން ހައްލުކުރަން އެމްޑީޕީން މުއައްސަސާތަކުގެ ފަހަތުން ދުވަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އިތުރަށް އިންޒާރު ދެއްވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މި މައްސަލަތަކަށް ހައްލެއް ހޯދައިނުދީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ހޯދަން އެމްޑީޕީން ރައްޔިތުންގެ ގާތަށް ގޮސްގެން ނުވާނެއެވެ. އެހެންކަމުން، މިހާރު ލިބިފައިވާ ބާރުގެ ބޭނުން ހިފައި، އިދިކޮޅު ޕާޓީއެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...