ބޭރުދުނިޔެ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި މަގުސަދުތައް ހާސިލްވެއްޖެ – ނަތަންޔާހޫ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި މަގުސަދުތައް ހާސިލްވެއްޖެ – ނަތަންޔާހޫ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެބައިކުޅަ އެއްބައި މަގުސަދުތައް ހާސިލްވެއްޖެ – ނަތަންޔާހޫ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ވިދާޅުވީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަގުސަދުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކަންކަން މިހާރު ހާސިލްވެފައިވާ ކަމަށެވެ. ނަމަވެސް މި ހަނގުރާމަ ނިމޭނެ ވަކި ތާރީޚެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އެމެރިކާގެ ކޮންޒަވޭޓިވް މީޑިއާއެއް ކަމަށްވާ “ނިއުސްމެކްސް” އަށް ދެއްވި ބަސްދީގަތުމެއްގައި ނަތަންޔާހޫ ވިދާޅުވީ، ހަނގުރާމައިގެ ދެބައިކުޅަ އެއްބައި ކަނޑައެޅިގެން ފަހަނައަޅާފައިވާ ކަމަށާއި، އެހެންނަމަވެސް މިކަމަށް ވަކި ތާވަލެއް ކަނޑައަޅަން ބޭނުންފުޅު ނުވާ ކަމަށެވެ.

އޭނާ އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، ދެބައިކުޅަ އެއްބައި ފުރިހަމަވެފައިވާ ކަމަށް އެ ވިދާޅުވަނީ ހާސިލްކުރަންޖެހޭ ލަނޑުދަނޑިތަކަށް ބަލައިގެން ކަމަށާއި، އެއީ ހަނގުރާމައަށް ހޭދަވާނެ ވަގުތަށް ބަލައިގެން ނޫން ކަމަށެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ނަތަންޔާހޫއާ ގުޅިގެން މި ހަނގުރާމަ ފެއްޓެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަން ހަތަރެއް ނުވަތަ ހަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެން، މި ހަނގުރާމައާ ދެކޮޅަށް އެމެރިކާގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތް ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޯމަ ދުވަހު ވިދާޅުވީ ހަނގުރާމަ ނިމުމަށް މަސްތަކެއްގެ ބަދަލުގައި ދެން ނަގާނީ މަދު ހަފުތާތަކެއް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި، މިހާތަނަށް ހާސިލްވެފައިވާ ކަންކަމުގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ “އެތައް ހާސް” މެންބަރުންނެއް މަރާލުން ހިމެނެއެވެ. މީގެ އިތުރުން އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ހަތިޔާރު އުފައްދާ ސިނާއަތްތައް ނައްތާލުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މުޅި ސިނާއީ ބިންގާ، އެއީ ހުރިހާ ފެކްޓްރީތަކެއް، މުޅި ފެކްޓްރީތަކާއި އަދި ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ފޮހެލުން،” ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ އާއި ޓްރަމްޕް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އދ. ގެ ނިއުކްލިއާ ވޮޗްޑޮގުން މި ވާހަކައަށް ތާއީދުކޮށްފައެއް ނުވެއެވެ. އަދި މިދިޔަ އަހަރު ދިން ހަމަލާތަކުގައި އީރާނުގެ މުހިންމު މަރުކަޒުތައް “ފުނޑުފުނޑުކޮށްލާފައިވާ” ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް މިފަދަ ތުހުމަތުތަކެއް ފެންމަތިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ވެއްޓޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނަތަންޔާހޫ ވިދާޅުވި ނަމަވެސް، އެއީ ހަނގުރާމައިގެ މައިގަނޑު މަގުސަދު ނޫން ކަމަށް އޭނާ އަނެއްކާވެސް ވިދާޅުވިއެވެ.

“މި ސަރުކާރު އެތެރެއިން ރޫޅިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ނަމަވެސް މިވަގުތު އަޅުގަނޑުމެން މިކުރާ ކަމަކީ އެމީހުންގެ އަސްކަރީ ގާބިލުކަމާއި، މިސައިލް އުފެއްދުމުގެ ގާބިލުކަމާއި، ނިއުކްލިއާ ގާބިލުކަން ބަލިކަށިކޮށް، އެތެރެއިން އެ ގައުމު ބަލިކަށިކުރުން،” ނަތަންޔާހޫ ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށިފައި މިވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތައް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި، އެތައް ހާސް ބަޔަކު މަރާލިތާ ހަފުތާތަކެއް ފަހުންނެވެ.

ޓްރަމްޕް މި ފަހަކަށް އައިސް ވިދާޅުވަމުން ގެންދަވަނީ، އީރާނުގެ ދީނީ އިލްމުވެރިން ހިންގާ ސަރުކާރުގެ ތެރޭގައި ތިބި، އެމެރިކާއަށް ދޫދޭނެ ފަދަ ފަރާތްތަކަށް ބާރު ލިބިގެންދާތީ، މި ހަނގުރާމައިގެ ސަބަބުން “ވެރިކަން ބަދަލުވުމުގެ” ނަތީޖާ އަމަލީގޮތުން ހާސިލްވެފައިވާ ކަމަށެވެ.

ޓެގް

ނަތަންޔާހޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.