ބޭރުދުނިޔެ

އަފްޣާނިސްތާނަށް ކުރަމުންދާ ވިއްސާރަގައި ފެންބޮޑުވެ 22 މީހުން މަރުވެއްޖެ

ފާއިތުވި ދެ ދުވަހު އަފްޣާނިސްތާނަށް ކުރި ބޯވެހުމުގެ ސަބަބުން ބޮޑެތި ފެންބޮޑުވުންތައް ކުރިމަތިވެ، ބައެއް އިމާރާތްތައް ވެއްޓި 22 މީހުން މަރުވެ 32 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އެ އިދާރާއިން ވަނީ އިންޒާރުވެސް ދީފައެވެ.

މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މެދުތެރެއާއި އިރުމަތީގެ ޕްރޮވިންސްތައް ކަމަށްވާ ޕަރުވާން، މައިދާން ވަރްދަކް، ދައިކުންދީ އަދި ލޯގަރް ފަދަ ސަރަހައްދުތަކުން މަރުވި މީހުންނެވެ. އެ ސަރަހައްދުތަކުގެ ފަރުބަދަ މަތީ އަދި ރަށްފުށުގެ ހިސާބުތަކުގައި ފެންބޮޑުވެ، ބައެއް ގެތައް ވަނީ ބިންމާވެފައެވެ.

އެން.ޑީ.އެމް.އޭ އިން މައުލޫމާތު ދޭ ގޮތުގައި، ގައުމުގެ ބައެއް ސަރަހައްދުތަކުގެ ހާލަތު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީޑިއާއާ ވާހަކަދެއްކުމުގެ ހުއްދަ ނެތުމުން ނަން ހާމަނުކުރުމަށް އެދި “ރޮއިޓާސް” އަށް މައުލޫމާތު ދިން އެން.ޑީ.އެމް.އޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 13 ޕްރޮވިންސެއްގައި ހިނގި މި ހާދިސާތަކުގައި 22 މީހުން މަރުވެ، 32 މީހަކަށް އަނިޔާވެފައިވާއިރު، 241 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

އަފްޣާނިސްތާނަކީ ގުދުރަތީ ކާރިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ގައުމެކެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ގައުމުތަކުގެ ލިސްޓުގައި އދ. އިން އެ ގައުމު ހިމަނާފައިވެއެވެ. 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމާ ހަވާލުވުމާ ގުޅިގެން، ގައުމުގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ބޭރުގެ އެހީތައް މެދުކަނޑާލުމުގެ ސަބަބުން، މިފަދަ ކާރިސާތަކުން އަރައިގަތުމަށް އެ ގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ނޮވެމްބަރު މަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް ކުރިމަތިވި ބިންހެލުންތަކާއި، ފެންބޮޑުވުމުގެ އިތުރުން ހަނަފަސްކަމުގެ ސަބަބުން 8،000 އަށްވުރެ ގިނަ ގެދޮރު ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދައުލަތަށް ވަނީ ނުކަތާވަރުގެ ބުރައެއް އުފުލަން ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close