އީރާނާ އެކު ފެށުނު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް، ޔަމަނުގެ ހޫޘީން އިސްރާއީލަށް އަމާޒުކޮށް ހޮނިހިރު ދުވަހު މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.
ހޫޘީން ހާމަކޮށްފައިވާ ގޮތުގައި، ހުރިހާ ދިމާއަކުން ކުރިމަތިވަމުންދާ “އުދުވާނީ ހަމަލާތައް” ހުއްޓާލަންދެން އެމީހުންގެ މި އޮޕަރޭޝަންތައް ކުރިއަށްދާނެއެވެ. އިސްރާއީލުން ބުނެފައިވަނީ ޔަމަނުން ފޮނުވާލި މިސައިލެއް އެ ގައުމުގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ހުރަހެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.
ޔަމަނާ ދުރުގައިވާ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހޫޘީންނަށް ލިބިގެންވޭ
އީރާނާއި “އެކްސިސް އޮފް ރެސިސްޓެންސް” އާ ދެކޮޅަށް ކުރިއަށްދާ ހަމަލާތައް ވަރުގަދަކުރާ ނަމަ، އެކަމަށް ރައްދު ދިނުމަށް ތައްޔާރަށް ތިބި ކަމަށް ހޫޘީން ހުކުރު ދުވަހު ވަނީ ބުނެފައެވެ.
ޔަމަނާ ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާދިނުމާއި، އަރަބި ކަނޑާއި ރަތްކަނޑުގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ބުރޫއެރުވުމުގެ ގާބިލުކަން ހޫޘީންނަށް ލިބިފައިވާކަން އެމީހުން ވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން 2023 އޮކްޓޯބަރު 7 ގެ ފަހުން ޣައްޒާގެ ހަމާސް ޖަމާއަތަށް ތާއީދުކޮށް އެމީހުން ވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފައެވެ.
މި ހަނގުރާމައިގެ ތެރެއަށް ހޫޘީން ރަސްމީކޮށް ވަދެ، އާ ފްރަންޓެއް ހުޅުވައިފި ނަމަ، އެމީހުންގެ އެންމެ ފާހަގަކޮށްލެވޭ އަމާޒަކަށް ވާނީ ޔަމަނުގެ އައްސޭރިފަށުގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅިއެވެ. މިއީ ސުއޭޒް ކެނަލާ ދިމާއަށް ކުރާ ދަތުރުތައް ކޮންޓްރޯލްކުރާ މުހިންމު މަގަކަށްވާއިރު، އީރާނުން މިހާރު ވަނީ ވަރަށް މުހިންމު މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...