ރާއްޖޭގެ ފަސް ރަށެއްގެ އުމްރާނީ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު ސޮއިކުރެއްވިއިރު، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް އެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ނ. ލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ލ. މުންޑޫ ބަނދަރު ތަރައްޤީކުރުމާއި، ގއ. ނިލަންދޫ އަދި ގދ. ހޯނޑެއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ރ. އަނގޮޅިތީމުގެ ބަނދަރާއި ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލުކޮށްފައެވެ.
މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުތަކަކީ ރަށްރަށުގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ރައްޔިތުންގެ އިޖުތިމާޢީ ބޭނުންތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަޝްރޫޢުތައް ކުރިއަށްދާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ކަމުގައިވާ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...