ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ބޭނުމަކަށް ނުވަތަ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައިވެސް ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލަށް އުނިކަން އަންނަ ގޮތަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައްވާ ކަމަށެވެ.
ބޭރުގެ ބާރުތަކަށް ރާއްޖޭގެ ސަރަހައްދު ބޭނުންކުރަން ދޭން އުޅޭކަމަށް ފެތުރެމުންދާ އަޑުތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް މަންފާކުރާނެ ކޮންމެ ކަމެއްގައި، ޔަހޫދީ ދައުލަތް ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާއެކުވެސް ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ. ބޭރު ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ނަމަވެސް، އެއްވެސް ޤައުމެއްގެ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ވައިގެ ނުވަތަ ކަނޑުގެ ސަރަހައްދުންވެސް ޖާގަ ނުލިބޭނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
“އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް ރާއްޖެއަކުން އެއްވެސް ފުރުޞަތެއް ނުދޭނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، އީރާނުން ހަމަލާއެއް ދޭނަމަ އެ ހަމަލާއެއް އަމާޒުކުރަންވާނީ ސީދާ އިޒްރޭލަށް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި މުސްލިމު އެއްވެސް ޤައުމަކަށް ދޭ ހަމަލާއެއް ދިވެހި ސަރުކާރުން ބަލައިނުގަންނާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...