ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާވާގޮތަށް އީރާނުން ބޭނުންކުރަމުންދާ މިސައިލްގެ ޤާބިލުކަން ނައްތާލުމަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަންތަކަށް، އިނގިރޭސިވިލާތުގައި ހުރި އެ ޤައުމުގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.
އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުކުރު ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި، ސަރަޙައްދުގެ ދިފާޢުގައި އެމެރިކާއިން އިނގިރޭސި ބޭސްތައް ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހުރްމޫޒް ކަނޑުއޮޅީގައިވާ ބޯޓުފަހަރަށް ޙަމަލާދިނުމަށް އީރާނުން ބޭނުންކުރާ ސައިޓުތައް ނައްތާލުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް އެ ބޭސްތައް ބޭނުންކުރެވޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އަމާޒުކޮށް އީރާނުން ދެމުންދާ ޙަމަލާތައް އިނގިރޭސި ކެބިނެޓުން ވަނީ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ރެޖިސްޓްރީގައިވާ އުޅަނދުތަކަށާއި އެކުވެރި ޤައުމުތަކުގެ އުޅަނދުތަކަށް އީރާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި ސަރަޙައްދު އިތުރު ކާރިސާއެއްގެ ތެރެއަށް ވެއްޓި، އިނގިރޭސިވިލާތާއި މުޅި ދުނިޔޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލައި މައްސަލަ އަވަހަށް ޙައްލުކުރުމަށް ގޮވާލާ ގޮވާލުމަށާއި، އިނގިރޭސިވިލާތުން ގެންގުޅޭ އަސާސީ ސިޔާސަތަށް ބަދަލެއް ނާންނަކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މި ނިންމުމާ ގުޅިގެން އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑަނޮކް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ސަރުކާރުން ނިންމި ނިންމުން ކުއްލިއަކަށް އަނބުރާލުމުގެ (ޔޫ-ޓާން އެއްގެ) އެންމެ ބޮޑު މިސާލުކަމަށް ސިފަކުރައްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ގުޅިގެން އީރާނަށް ދޭންފެށި ވަރުގަދަ ޙަމަލާތަކާ ގުޅިގެން، ފުރަތަމަ އިނގިރޭސިވިލާތުން އޮތީ އެމެރިކާއަށް ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ނުދޭގޮތަށެވެ. ނަމަވެސް މިހާރު އިނގިރޭސިވިލާތުގެ މި ސިޔާސަތު ބަދަލުވެ، އެމެރިކާގެ އަސްކަރީ އަދި ލޮޖިސްޓިކް އޮޕަރޭޝަންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދަނީ ބައިވެރިވަމުންނެވެ.
އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، އަމިއްލަ ނަފްސާއި އެކުވެރިންގެ ދިފާޢުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިނަމަވެސް، ފުޅާވެގެންދާ ހަނގުރާމައެއްގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ނަމަވެސް، މި ހަނގުރާމައިގައި އިނގިރޭސިވިލާތުގެ ދައުރު ފުޅާވަމުންދާތީ، އެ ޤައުމު ހަނގުރާމައިގެ ތެރެއަށް ނުވަދެ އޮތުމަކީ ކުރެވޭނެކަމެއްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވަނީ، ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޙަމަލާތަކާ ގުޅިގެންނެވެ. އެމެރިކާއާއި އިސްރާއީލުން ދިން މި ޙަމަލާތަކުގައި މިހާތަނަށް 1،300 އެއްހާ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ އޭރުގެ ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީ ވެސް ހިމެނެއެވެ.
މިކަމުގެ ރައްދުގައި އީރާނުން ދަނީ މުޅި ސަރަޙައްދަށް ޑްރޯން އަދި މިސައިލް ޙަމަލާތައް ދެމުންނެވެ. އަދި ދުވާލެއްގެ މައްޗަށް 20 މިލިއަން ފީފާގެ ތެޔޮ އަދި ދުނިޔޭގެ އެލް.އެން.ޖީ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގެއްކަމަށްވާ ހުރްމޫޒް ކަނޑުއޮޅި، އީރާނުން ވަނީ ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...