ޔޫނިއަން ބާލިން ބަލިކޮށް ބަޔާން މިއުނިކުން ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ޖަރުމަނު ލީގުގައި ރޭ ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ބަޔާނަށް 27 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.
މި މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު 43 ވަނަ މިނިޓުގައި މައިކަލް އޮލީސޭ ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސާޖް ގްނަބްރީ ވަނީ ލީޑު ފުޅާކޮށްދީފައެވެ. ގްނަބްރީ ވަނީ ދެވަނަ ހާފުގައިވެސް އިތުރު ލަނޑެއް ޖަހައި މެޗުގައި ދެ ގޯލު ހަމަކޮށްފައެވެ. ބަޔާންގެ އަނެއް ލަނޑު ކޮންރަޑް ލައިމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ.
މި މެޗުގައި ޖެހި ގޯލާއެކު ހެރީ ކޭން ވަނީ މި ސީޒަނުގެ ލީގުގައި 31 ގޯލު ހަމަކޮށްފައެވެ. އަދި ހުރިހާ މުބާރާތެއްގައި އޭނާ ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 48 އަށް އަރާފައެވެ. ކޭން އަންނަނީ ލެވަންޑޯސްކީ އެއް ސީޒަނެއްގައި ޖެހި 41 ގޯލުގެ ރެކޯޑާ އަރާ ހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. ތާވަލުގެ ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނައިގައި އޮތް ލައިޕްޒިގް، ސްޓުޓްގާޓް އަދި ހޮފެންހައިމްއަށް ވެސް މިހާރު ލިބިފައިވަނީ 50 ޕޮއިންޓެވެ.




