އަވަށްޓެރި އަދި އިސްލާމީ ގައުމުތަކާ އެކު އެއްވެސް މައްސަލައެއް އުފައްދައި، ކުރިމަތިލުމަކަށް ދާން އީރާނުން ބޭނުން ނުވާކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. އެ ގައުމުތަކަކީ އީރާނުގެ “އަޚުން” ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއަން ވިދާޅުވީ، އިސްލާމީ ގައުމުތަކާއި އަވަށްޓެރިންނަކީ އީރާނުގެ އަޚުން ކަމަށާއި، އެ ގައުމުތަކާ އެކު އީރާނުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މުސްލިމުންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި މައްސަލަތަކުގެ ފައިދާ ނަގާ ހަމައެކަނި ފަރާތަކީ “ޒަޔަނިސްޓުން” (އިސްރާއީލު) ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކީރިތި ރަސޫލާގެ އިރުޝާދުތަކަށް ތަބާވުމުގެ ސަބަބުން މި އީދަކީ މުސްލިމުންނަށް ބާރާއި އެއްބައިވަންތަކަން ގެނެސްދޭނެ އީދަކަށް ވުމަށް އެދި ޕެޒެޝްކިއަން ވަނީ ދުއާކުރައްވާފައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ވަނީ ގުޅިގެން އީރާނަށް ހަމަލާތަކެއް ދޭން ފަށާފައެވެ. މީގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ބައެއް ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ތަކުރާރުކޮށް ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...