ނަމާދުކުރާ މީހާގެ ނިތްކުރިން ފާޅުވާ ސަޖިދައިގެ ނިޝާނާ ބެހޭގޮތުން ދެކެވޭ ވާހަތަކަށް ޚުލާޞާ ޖަވާބެއް

الحمد لله والصلاة والسلام على رسول الله، وبعد:
ރަސޫލުﷲ ﷺ ވަނީ ރުކޫޢާއި ސަޖިދަ ފުރިހަމަކުރުމަށް އަމުރުކުރައްވާފައެވެ.
ސަޖިދަ ކުރާއިރު ނިތްކުރިއާއި ނޭފަތް ބިމުގައި ރަނގަޅަށް ޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ: “ހަތް ގުނަވަނެއްގެ މައްޗަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އެއީ ނިތްކުރި (އަދި ނޭފަތަށް އިޝާރާތް ކުރެއްވިއެވެ)، ދެއަތްތިލަ، ދެކަކޫ އަދި ދެފައިތިލައިގެ އިނގިލިތަކެވެ.” (ބުޚާރީ އަދި މުސްލިމް)
ސަޖިދަ ދިގުކުރުމަކީ މައްސަލައެއް ނޫނެވެ. ޚާއްޞަކޮށް އެކަނި ނަމާދުކުރާއިރު ނުވަތަ ކުސޫފް ނަމާދާއި ދަމުނަމާދުގައެވެ. ރަސޫލުﷲ ﷺ މިފަދަ ނަމާދުތަކުގައި ސަޖިދަ ވަރަށް ބޮޑަށް ދިގުކުރައްވާކަން ޞަޙީޙު ޙަދީޘްތަކުން ސާބިތުވެއެވެ. ނަމަވެސް ސަޖިދައިގައި އޮންނަންވާނީ މެދުމިންގަނޑަކަށެވެ. އަތްތިލަ ބިމުގައި ބާއްވައި، އުޅަނބޮށި ބިމުން އުފުލައި، ބަނޑު ފަލަމަސްގަނޑާ ދުރުކޮށްގެންނެވެ. ބައެއް މީހުން ސަޖިދައިގައި މާބޮޑަށް ދެމިގަނެ ބިމުގައި އޮށޯންނަ ކަހަލަ ގޮތަކަށް އޮތުމަކީ ސުންނަތާ ޚިލާފު ބިދުޢައެކެވެ.
ނަމާދުކުރާ މީހާ، ރަސޫލުﷲ ﷺ އަމުރުކުރެއްވި ގޮތަށް ސަޖިދަކުރާއިރު، އޭނާ ސަޖިދަ ކުރަނީ ހިރަފުސް ނުވަތަ ކުރަކި ތަނެއްގައިނަމަ، ނިތްކުރީގައި ނިޝާނެއް ފާޅުވެދާނެއެވެ. މިކަމުގެ ސަބަބުން ހިތަށް ބޮޑާކަމާއި ކިބުރުވެރިކަން ވަދެދާނެ ކަމުގެ ބިރު އޮވެދާނެއެވެ. ނަމަވެސް އީމާންކަންމަތީ ސާބިތުވެހުރެ، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށް އެދިގެން ކުރާ ޢަމަލެއްނަމަ، މީހުން ކިޔާ އެއްޗަކަށް ބަލާކަށް ނުޖެހޭނެއެވެ. އެކަމަކު ގަސްދުގައި ނިތްކުރީގައި ނިޝާނެއް ޖެއްސުމަށް މަސައްކަތް ކުރުމަކީ ދެއްކުންތެރިކަމާއި ދޮގުވެރިކަމުގެ ތެރެއިންވާ ކަމެކެވެ.
ސޫރަތުލް ފަތުޙުގެ 29 ވަނަ އާޔަތުގައިވާ (سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ) “އެބައިމީހުންގެ ނިޝާނަކީ، ސަޖިދައިގެ އަސަރުން އެބައިމީހުންގެ މޫނުތަކުގައިވާ ނިޝާނެވެ.” މި އާޔަތުގެ ތަފްސީރުގައި އެންމެ ރަނގަޅު ގޮތަކީ، އެއީ ކިޔަމަންތެރިކަމާއި އަޅުވެރިކަމުގެ ސަބަބުން މޫނުމަތިން ފާޅުވާ ނޫރުކަމަށް ބުނުމެވެ. އެއީ ނިތްކުރީގެ ހަންގަނޑު ކުރަކިވެފައި ހުރުން ނޫންކަން ގިނަ ޢިލްމުވެރިން ފާހަގަކުރައްވައެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވަނީ، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވި ގޮތުގައި އެއީ ރިތި އަޚްލާޤާއި ހިތްތިރިކަމެވެ. މުޖާހިދު ރަޙިމަހުﷲ ވިދާޅުވިއެވެ: “އެއީ މަޑުމޮޅިކަމެވެ. ބައެއް ފަހަރު ފިރުޢައުނަށްވުރެ ހިތް ހަރުކަސް މީހެއްގެ ދެލޯ ދޭތެރޭގައި (ނިތްކުރީގައި) ވެސް ތިޔަފަދަ ނިޝާނެއް ހުރެދާނެއެވެ.” އަދި ބައެއް ސަލަފުން ވިދާޅުވެފައިވަނީ، ރޭގަނޑު ގިނައިން ނަމާދުކުރާ މީހާގެ މޫނު ދުވާލު ރީތިވާނެ ކަމަށެވެ.
ވީމާ، ނިތްކުރީގެ ހަންގަނޑު ކުރަކިވެ ކުލަ ބަދަލުވެފައި ހުރުމަކީ އެމީހެއްގެ ޞާލިޙުކަމުގެ ނުވަތަ އިޚްލާޞްތެރިކަމުގެ ދަލީލެއް ނޫނެވެ. ހަމައެފަދައިން، އެފަދަ ނިޝާނެއް ނެތުމަކީ ނަމާދުގައި އުނިކަމެއް ހުރިކަމުގެ ދަލީލެއްވެސް ނޫނެވެ. މިއީ ގިނަފަހަރަށް ހަންގަނޑުގެ ބާވަތުންނާއި، ހަންގަނޑު ނާޒުކުވުމުގެ ސަބަބުން ވާކަމެކެވެ.
ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ މިކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ: “މިއީ ޞާލިޙުންގެ ޢަލާމާތެއް ނޫނެވެ. ޞާލިޙުންގެ ޢަލާމާތަކީ މޫނުމަތިން ފެންނަ ނޫރާއި، ހިތްތަނަވަސްވުމާއި، ރިތި އަޚްލާޤެވެ. ނިތްކުރީގައި ހުންނަ ނިޝާނަކީ ހަމައެކަނި ފަރުޟު ނަމާދު ކުރާ މީހެއްގެ ގައިގައިވެސް، އޭނާގެ ހަންގަނޑު ނާޒުކުވުމުގެ ސަބަބުން ހުރެދާނެ އެއްޗެކެވެ. އަދި ވަރަށް ގިނައިން ނަމާދުކޮށް ސަޖިދަ ދިގުކުރާ މީހެއްގެ ނިތްކުރީގައި އެފަދަ ނިޝާނެއް ނެތުމަކީވެސް އެކަށީގެންވާ ކަމެކެވެ.”
ޚުލާޞާއަކީ: ތިބާއީ ﷲ އަށް އިޚްލާޞްތެރި، އެކަލާނގެ ވަޖުހުފުޅަށް އެދިގެން ނަމާދުކުރާ މީހެއްނަމަ، މީހުން ކިޔާ އެއްޗަކުން ތިބާއަށް ގެއްލުމެއް ނުލިބޭނެއެވެ. މީހުން ތިބާއަށް ތަޢުރީފު ކުރުމަކީ ދުނިޔޭގައި މުއުމިނަކަށް ލިބޭ އުފާވެރި ޚަބަރަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ސުންނަތާ އެއްގޮތަށް ސަޖިދަ ފުރިހަމަކުރާށެވެ. މީހުން ތަޢުރީފު ކުރިޔަސް ނުވަތަ މަލާމާތް ކުރިޔަސް އެކަމާ އަޅާނުލާށެވެ. ﷲ އަޅަމެން އެންމެންނަށް އިޚްލާޞްތެރިކަން ދެއްވައި، އަޅުކަންތައް ގަބޫލުކުރައްވާށިއެވެ.
والله أعلم.
ރިފަރެންސް: އިސްލާމް.ކިއު.އޭ


