ޚަބަރު

މުސްލިމުންނަށް ބާރުވެރިކަމާއި ހައިބަތަށް އެދިވަޑައިގެން އީދުގެ ތަޙްނިޔާ ރައީސް ފޮނުއްވައިފި

މިއަހަރުގެ ފިތުރު އީދުގެ އުފާވެރި މުނާސަބަތު އިސްލާމީ އުންމަތާ ބައްދަލުކުރި އިރު، މުޅި އުންމަތް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިޠާބުގައި، ފަލަސްތީނާއި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމު އަހުންނާއި އުހުތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސް ވިދާޅުވީ، މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާތީ، އެ މުސްލިމް އަހުން ތަހައްމަލު ކުރަމުންދާ ހުރިހާ ވޭނެއްގައި ދިވެހިން ބައިވެރިވާ ކަމަށެވެ.

“މި ހާލަތުގައި އެދެވެނީ އަވަސް ގޮތެއްގައި އެ ލޮބުވެތި އަހުންނާއި އުހުތުންނަށް އަމާންކަމާއި ރައްކާތެރިކަމެވެ. މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތެވެ،” ރައީސް ވިދާޅުވިއެވެ.

ރަމަޟާން މަހުގެ މާތް އަޅުކަމަށްފަހު އީދުގެ އުފާ ފާޅުކުރާއިރު، ރޯދައިގެ މަދަރުސާއިން ލިބިދިން މުހިންމު ފިލާވަޅުތަކުގެ މަތީގައި ދެމިތިބުމަށް ރައީސް ބާރުއެޅުއްވިއެވެ. އެގޮތުން ދޫތަކުން ހެޔޮ ބަސް ބުނުމަށާއި، ގުނަންތަކުން ރަނގަޅު އަމަލުތައް ކުރުމަށާއި، ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، އެއްބައެއްވަންތަ ބިޔަ ޖަމާއަތެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީދުގެ އުފާފާޅުކުރުންތައް އިންތިޒާމުކުރާއިރު އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އިސްލާމްދީނަކީ އަބަދުވެސް ހެޔޮކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށް ބާރުއަޅާ ދީންކަން ފާހަގަކުރައްވައި، އީދުގެ ހަރަކާތްތަކުގައި ވެސް އެ ފަރުވާތެރިކަން ބެހެއްޓުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، ރަމަޟާން މަހަށްފަހު އަންނަ ހަ ރޯދައިގެ ދުވަސްވަރަކީ ވެސް ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް އިސްލާމްދީން ބާރުއަޅާ މިންގަނޑެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close