ޚަބަރު

ދެ މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް، ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހަދަން ފަށައިފި

މާލޭގައި ކުރިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި އާންމުންނާއި ކުޑަކުދިންނަށް ހިތްފަސޭހަކޮށްލެވޭނެ ޕާކެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ. ސަރުކާރުން އެ ކުންފުންޏާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ އެ ސަރަޙައްދު ސާފުކުރުމާއި، ސައިޓު ވަށައިގެން ޓިނު ޖެހުން ކަމަށެވެ.

ޢިމާރާތްކުރުމާބެހޭ ވުޒާރާއިން ކުރަހާފައިވާ ޑިޒައިނާ އެއްގޮތަށް މި ޕާކު ތަރައްޤީކުރެވިގެން ދާނީ، ނަޒީމް ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް އުފާވެރިކަމާއެކު ކުޅެލެވޭނެ އިންތިޒާމުތަކާއި، މީހުންނަށް ފަސޭހަކަމާއެކު އިށީނދެލައިގެން ތިބެވޭނެ ޖާގަތައްވެސް ހިމެނޭހެންނެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޕާކު ތަރައްޤީކުރަން ފެށި ބިމަކީ ކުރިން ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ހިންގި ޣާޒީ ބިލްޑިންގ ހުރި ބިމެވެ. 41 އަހަރު ވަންދެން ބޭނުންކުރި އެ ޢިމާރާތަކީ ދައުލަތުގެ އޮފީސްތައް ހިންގި އެންމެ ދުވަސްވީ އެއް ޢިމާރާތެވެ. ނަމަވެސް އެތަން މާބޮޑަށް ބާވެ، ބޭނުންކުރުމަށް ރައްކާތެރި ނޫންކަމަށް ފެންނާތީ އެ ޢިމާރާތް ތަޅާލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

ހަމަމިއާއެކު، ޣާޒީ ބިލްޑިންގ ކައިރީގައި ކުރިން ހުރި ހުރަވީ ބިލްޑިންގވެސް ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން 2022 ވަނަ އަހަރު ވަނީ ތަޅާލާފައެވެ. އެ ބިމުގައި ސަރުކާރުން މިހާރު ތަރައްޤީކޮށްފައިވަނީ ޕާކިންގ ޒޯނެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close