ބޭރުދުނިޔެ

އީރާން ހަނގުރާމައާ ގުޅިގެން ދުބާއީގެ ފަތުވެރިކަން ނާޒުކު ފައްތަރެއްގައި

މިހާރު ހިނގަމުންދާ އީރާނުގެ ހަނގުރާމައާ ގުޅިގެން ދުބާއީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ހޮޓެލްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހި ގައުމުގެ ފަތުރުވެރިވެކަމުގެ ސިނާޢަތު ނާޒުކު ފައްތަރަކަށް ވެއްޓިދާނެކަމުގެ އިންޒާރު ދާއިރާގެ ތަޖުރިބާކާރުން ދީފިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، ކުއްލިއަކަށް ހޮޓެލްތަކުގެ އަގުތައް ވަރަށް ބޮޑަށް ދަށްކުރުން ނުވަތަ ބޮޑުކުރުމަކީ، މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ދުބާއީން ބިނާކޮށްފައިވާ ނަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ގައުމުން ބޭރުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާއެކު، ހޮޓެލްތަކުން މިހާރު އަމާޒު ހިފާފައިވަނީ ޤައުމުގައި ދިރިއުޅޭ މީހުންނަށާއި، ރެސްޓޯރެންޓްތައް ފަދަ ކެއިންބުއިމުގެ ޚިދުމަތްތަކުން އާމްދަނީ ހޯދުމަށެވެ.

މި ހަނގުރާމަ ފެށުމާއެކު އެންމެ ފުރަތަމަ އަސަރުކުރި އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ. މިގޮތުން ސަރަޙައްދީ ވައިގެ ދަތުރުފަތުރު ހުއްޓި، ގިނަ ބަޔަކު ވަނީ ފުރޭނެ ގޮތެއް ނެތި ހޮޓެލްތަކުގައި ތާށިވެފައެވެ.

ދުބާއީ ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު ދުބާއީގެ 827 ހޮޓެލްގެ އޮކިއުޕަންސީ ހުރީ 86 އިންސައްތައިގައެވެ. ނަމަވެސް ފެބްރުއަރީ އަދި މާރިޗު މަހުގެ ކުރީކޮޅު މި ޢަދަދުގެ ހަތަރުބައިކުޅަ އެއްބަޔަށް އޮކިއުޕަންސީ ދަށްވެފައިވާކަމަށް ކޮންސަލްޓަންޓުން ލަފާކުރެއެވެ. ޖެނުއަރީ މަހު ހޮޓެލް ކޮޓަރިއެއްގެ އެވްރެޖް އަގު އުޅުނީ ރެޔަކަށް 775 ދިރުހަމްގައެވެ. ނަމަވެސް އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ‘ވީގޯ’ އިން ބުނާގޮތުގައި ބައެއް ހޮޓެލްތަކުގެ އަގުތައް މިހާރު ވަނީ 40 އިންސައްތައާ ހަމައަށް ދަށްކޮށްފައެވެ.

ބްލެކް ކޯރަލް ކޮންސަލްޓިންގގެ ސީއީއޯ ޖޫޑިތު ކާޓްރައިޓް ވިދާޅުވީ ޑިމާންޑް އޮތީ 20 ނުވަތަ 30 އިންސައްތައިގައި ކަމަށް ވިޔަސް، ހޮޓެލްތަކުން އަގުވައްޓާލުމުގެ ރޭހަކަށް (ޕްރައިސް ވޯރ އަކަށް) ނުކުމެގެން ނުވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޯވިޑަށްފަހު ދުބާއީން ވަނީ މަތީ ފެންވަރެއްގައި އެތަން މާކެޓްކޮށްފައެވެ. އަދި ބައެއް ހޮޓެލްތަކުން ކޮޓަރީގެ އަގު ކާތަކެތިން ކަނޑައިދޭ ގޮތަށް ޕްރޮމޯޝަންތައް ހިންގި ނަމަވެސް، މިއީ ދިގު މުއްދަތުގައި މުޅި މާކެޓަށް އޭގެ ގެއްލުންވާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ ވަން ހޮޓެލްގެ ޖެނެރަލް މެނޭޖަރ މާކް ލީ ވިދާޅުވީ މިހާރުގެ ޙާލަތަކީ މީގެ ހަ އަހަރު ކުރިން އައި ކޯވިޑް-19 ގެ ޙާލަތާ ވަރަށް އެއްގޮތް ޙާލަތެއް ކަމަށެވެ. ފަތުރުވެރިން ނާންނާތީ މިވަގުތު ހޮޓެލްތަކުން ބަރޯސާވަނީ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނާއި ދިގު މުއްދަތަކަށް ތިބޭ މީހުންނަށެވެ. މީގެ އިތުރުން ދުބާއީ ޓޫރިޒަމުން ވަނީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ހޮޓެލްތަކުގައި ތިބުމުގެ މުއްދަތު އިތުރުކުރަންޖެހޭ ފަރާތްތަކަށް އަގު ބޮޑުނުކޮށް، ކުރީގެ އަގުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހޮޓެލްތަކަށް އަންގާފައެވެ.

ޙަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން، ސިޓީއާ ދުރުގައި ހުންނަ ސަހަރާ (ޑެޒަރޓް) ހޮޓެލްތަކަށް ލޯކަލް މީހުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަންވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ދުބާއީ ޓޫރިޒަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި މި ޙާލަތާ ގުޅިގެން އަސަރުކޮށްފައިވާ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close