އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދުނިޔޭގައި ހުރިކަމަށްވާނަމަ، އޭނާގެ ފަހަތުން ގޮސް މަރާލާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ދީފިއެވެ. އީރާނުން މިފަދަ ހަރުކަށި އިންޒާރެއް ދީފައި މިވަނީ، ހަމަލާތަކެއްގައި ނަތަންޔާހޫ އަވަހާރަކޮށްލައިފި ކަމަށް ބުނެ މީސްމީޑިއާގައި ފެތުރުނު އަޑުތައް އިސްރާއީލު ސަރުކާރުން ދޮގުކޮށްފައި ވަނިކޮށެވެ.
މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ނަތަންޔާހޫ މަރުވެއްޖެކަމުގެ އަޑުތައް ފެތުރުނީ، އޭނާގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކުން އޭނާގެ އަތުގައި ހަ އިނގިލި ހުރިހެން ހީވުމާ ގުޅިގެންނެވެ. ގިނަ ބަޔަކު މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ތުހުމަތުކުރި ނަމަވެސް، އިސްރާއީލުން ވަނީ އެއީ ލޮލަށް ފެނުނު އޮޅުމެއްކަމާއި އޭނާ ހެޔޮހާލުކޮޅުގައި ހުރިކަން ކަށަވަރުކޮށްދީފައެވެ.
މިކަމާ ގުޅިގެން އައިއާރްޖީސީގެ ރަސްމީ ވެބްސައިޓް ‘ސިޕާހް ނިއުސް’ ގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ނަތަންޔާހޫއަކީ “ކުޑަކުދިން މަރާ މުޖުރިމެއް” ކަމަށާއި، އޭނާ ދުނިޔޭގައި ހުރިނަމަ ހޯދައިގެން މަރާލުމުގެ މަސައްކަތް ފުރިހަމަ ބާރާއެކު ކުރާނެ ކަމަށެވެ. މިއީ ހަމައެކަނި ބަހުގެ ހަމަލާއެއް ނޫންކަމާއި، މިއީ ދެ ގައުމުގެ ދެމެދުގައި ފެށިފައިވާ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި މަރުޙަލާއެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ.
އީރާނުގެ ރުޅިވެރިކަން މިހާ ހިސާބަށް ގޮސްފައިވަނީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. އެމެރިކާގެ “އޮޕަރޭޝަން އެޕިކް ފިއުރީ” އަދި އިސްރާއީލުގެ “އޮޕަރޭޝަން ރޯރިން ލަޔަން” ގެ ދަށުން އީރާނުގެ ނިއުކްލިއަރ އިންސްޓޯލޭޝަންތަކަށް ދިން މި ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ވަނީ އަވަހާރަކޮށްލާފައެވެ. އޭގެ ތެރޭގައި ޚާމަނާއީގެ އުމުރުން އެންމެ 14 މަހުގެ ކާފަދަރިފުޅުވެސް ހިމެނެއެވެ. އައިއާރްޖީސީން ނަތަންޔާހޫއަށް ކުޑަކުދިން މަރާ މީހާގެ ލަގަބު ދީފައިވަނީ މި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.
މިކަމުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން މިހާރުވެސް ދަނީ އިސްރާއީލުގެ ސިނާޢީ މަރުކަޒުތަކަށާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. އަދި މިއީ ބަދަލުހިފުމުގެ ފުރަތަމަ މަރުޙަލާ ކަމަށް އީރާނުން ބުނެފައިވާއިރު، ޒަމާންތަކެއް ވަންދެން ދެ ގައުމުގެ ދެމެދުގައި އޮތް ފިނި ހަނގުރާމަ މިހާރު މިވަނީ ފާޅުކަންބޮޑު ސީދާ ހަނގުރާމައަކަށް ބަދަލުވެފައެވެ.
އީރާނުން އިސްރާއީލުގެ އެންމެ އިސް ލީޑަރަށް އަމާޒުކޮށް މިފަދަ ފާޅުކަންބޮޑު އިންޒާރެއް ދިނުމަކީ، މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ނާޒުކު ފައްތަރަކަށް ވެއްޓިފައިވާކަމުގެ ސާފު ހެއްކެކެވެ. އިސްރާއީލުން އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންދާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށާއި ސަލާމަތަށް ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...