ސައޫދީ އަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ދިފާއީ ބާރުތަކުން ނައްތާލައިފި

ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި 20 ޑްރޯނަކާއި ބެލިސްޓިކް މިސައިލެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ޑިފެންސުން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ފެށިފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 7 ޖަހާކަންހާއިރުއެވެ. މިއީ އެދުވަހުގެ ހެނދުނު 9 ޖަހާކަންހާއިރު ދެވުނު ހަމަލާތަކަށްފަހު، ގާތްގަނޑަކަށް 10 ގަޑިއިރު ފަހުން ދިން ހަމަލާތަކެކެވެ.
ސައޫދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުވެސް އިރުމަތީ ޕްރޮވިންސަށް އަމާޒުކުރި ދެ ޑްރޯނެއް ވަނީ ހުއްޓުވައި ނައްތާލާފައެވެ.
މި ހަމަލާތަކުގެ ތަފްސީލަށް ބަލާއިރު، އިރުމަތީ ޕްރޮވިންސުން 17 ޑްރޯން، އެމްޕްޓީ ކުއާޓާ ސަރަހައްދުން 2 ޑްރޯން އަދި އުތުރުގެ އަލް-ޖައުފް ސަރަހައްދުން 1 ޑްރޯން ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ. އަދި ހަމައެކަނި ފޮނުވާލި މިސައިލް އަމާޒުކޮށްފައިވަނީ ވެރިރަށް ރިޔާދާ 80 ކިލޯމީޓަރު ދުރުގައި އޮންނަ އަލް-ޚަރްޖްގައި ހުންނަ ޕްރިންސް ސުލްޠާން އެއާ ބޭސް އަށެވެ.
މި ހަމަލާތައް ފޮނުވާލި ފަރާތެއް ސައޫދީ ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، މިއީ އީރާނުން ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވެއެވެ. ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ބިމަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ދަނީ ގަލްފް ސަރަހައްދުގެ އަސްކަރީ އަދި މަދަނީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ޑިފެންސް މިނިސްޓްރީ އާއި އެސް.ޕީ.އޭގެ ރިޕޯޓްތަކަށް ބަލާއިރު، މިހާތަނަށް ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ތެރެއިން ގާތްގަނޑަކަށް 150 ޑްރޯން ވަނީ ނައްތާލާފައެވެ. އަދި ވައިގެ ދިފާއީ ބާރުތަކުން ވަނީ 25 ވަރަކަށް މިސައިލް ވައްޓާލާފައެވެ. މީގެ ތެރޭގައި ގިނައީ ބެލިސްޓިކް މިސައިލެވެ.
މި ހަމަލާތައް ހުއްޓުވާފައިވަނީ އިރުމަތީ ޕްރޮވިންސާއި، އެމްޕްޓީ ކުއާޓާގައި އޮންނަ ޝައިބާ ތެޔޮ ވަޅު ހިމެނޭ ސަރަހައްދާއި، ރިޔާދު ސަރަހައްދުގެ އިތުރުން ގައުމުގެ އެކި ހިސާބުތަކުންނެވެ. އެންމެ ވަރުގަދަ ހަމަލާތަކެއް ކުރިމަތިވީ މާރިޗު 12 ގައެވެ. އެދުވަހު އެކަނިވެސް 31 ޑްރޯން ވަނީ ވައްޓާލާފައެވެ.
މީގެ އިތުރުން، ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެގައުމަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ. އަދި ކުވެއިތުގެ އަސްކަރީ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް ވަތް ޑްރޯނެއްވެސް ވަނީ ވައްޓާލާފައެވެ.
ބަހްރޭނުން ހާމަކުރި ގޮތުގައި، މި ހަމަނުޖެހުންތައް ފެށުނީއްސުރެ އެގައުމަށް އަމާޒުކޮށް ފޮނުވާލި 121 ބެލިސްޓިކް މިސައިލާއި 193 ޑްރޯން ވަނީ ހުއްޓުވައި ނައްތާލާފައެވެ.
ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ވައިގެ ތެރޭގައި ހަމަލާއެއް ހުއްޓުވުމުގެ ތެރޭގައި އޭގެ ބައެއް ބައިތައް ވެއްޓި ދުބާއީގެ މެދުތެރޭގައި ހުރި އިމާރާތެއްގެ ބޭރު ފަށަލައަށް ގެއްލުން ލިބުނު ނަމަވެސް، އެ ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ދުބާއީ މީޑިއާ އޮފީހުން މައުލޫމާތު ދެއެވެ.




