ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ލޮޅުމާއެކު، ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމަށް އިންޑިއާގައި އެދިއްޖެ

މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގެ ކިބައިން އެދިއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ ސްރީލަންކާ އަދި ބަންގްލަދޭޝްއިން ވެސް ވަނީ އެ ގައުމަށް ތެޔޮ ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިފައެވެ.
އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ތެލުގެ ބާވަތްތައް އެކްސްޕޯޓު ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ޖައިސްވާލް ވިދާޅުވީ، މި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އިންޑިއާއިން ގޮތްތައް ނިންމާނީ އެ ގައުމުގެ އެތެރޭގެ ޑިމާންޑަށާއި ތެޔޮ ސާފުކުރާ ކާރުހާނާތަކުގެ ކެޕޭސިޓީއަށް ބެލުމަށްފަހުގައެވެ.
ރާއްޖެއިން އިންޑިއާގެ އެހީއަށް އެދިފައިވާއިރު، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ޚާއްޞަ ކޮމިޓީގެ މުގައްރިރު އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް މިއަދު ވަނީ މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުމަށް ހުރަސްތަކެއް އެޅިދާނެކަމުގެ ބިރު އޮތުމުން، ރާއްޖެއަށް ދަތިކަމެއްނެތި ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގައުމުތަކާ ގުޅިގެން ވެސް މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގަމުންދާ ހަރަކާތްތަކާއި، އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ މައި ތެޔޮ ރޫޓު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބިރުތަކަކާ ކުރިމަތިވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިގޮތުން މިއަދު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 100.52 ޑޮލަރަށް އަރާފައިވާއިރު (9.28 ޕަސެންޓުގެ ކުރިއެރުމެއް)، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފީފާއެއްގެ އަގު ވަނީ 8.28 ޕަސެންޓް އުފުލި، 94.47 ޑޮލަރަށް އަރާފައެވެ.


