ޚަބަރު

މިފަހަރުވެސް “އީދު އުފާ”  3 ދުވަހަށް ކުރިއަށް ގެންދާގޮތަށް ނިންމައިފި

މިއަހަރުގެ ފިތުރު އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން “އީދު ހަވީރު 1447” ގައުމީ ފެންވަރުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފިއެވެ.

އެމްއެންޑީއެފުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތައް އީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތައް މާލޭގައި އޮންނާނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށެވެ.

މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، އެސްޓީއޯ އަދި އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. ކުންފުނިތަކުން ތަފާތު ތީމްތަކަށް ތައްޔާރުކުރާ ސްޓޯލްތަކުގައި ކުޑަކުދިންނަށް ގަޔާވާނެ ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން އީދު ހަދިޔާ ބެހުންވެސް ކުރިއަށްދާނެއެވެ.

އެމްއެންޑީއެފްގެ ފަރާތުން ސިފައިން ބޭނުންކުރާ ޔުނިފޯމްތަކާއި، ހަތިޔާރުތަކުގެ އިތުރުން އެއްގަމާއި ކަނޑުގެ އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އީދު ހަވީރާ ގުޅުވައިގެން ސަލްޓަން ޕާކުވެސް އީދު ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، އާއިލާތަކަށް އެކުވެރި މާހައުލެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close