ދީން

ތަރާވީޙް ނަމާދު ކުރާ އިމާމެއްގެ ފަހަތުގައި ޢިޝާ ނަމާދުގެ ދެރަކުޢަތްކޮށްފައި ދެން ބާކީބައި އަމިއްލައަށް ފުރިހަމަ ކުރެވޭނެތަ ؟

ތަރާވީޙް ނަމާދު ކުރާ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރުމަށްފަހު، ބާކީބައި ފުރިހަމަކުރަން ތެދުވެ، އަލުން އެ އިމާމާއެކު ބައިވެރިވުމާ ގުޅޭގޮތުން އައިސްފައިވާ ދީނީ އިރުޝާދު ތިރީގައި އެވަނީއެވެ.

الحمد لله، والصلاة والسلام على رسول الله.

ފުރަތަމައީ:
ތަރާވީޙް ނަމާދު ކުރާ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރުމާމެދު ފިޤުހު އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުރި ނަމަވެސް، އެންމެ ބޮޑަށް ބުރަވެވެވޭ ގޮތަކީ އެކަން ހުއްދަވެގެންވާ ކަމަށެވެ. މިއީ އިމާމް ޝާފިޢީގެ މަޛްހަބުގެ ރައުޔެވެ. އަދި އިމާމް އަޙްމަދުގެ ކިބައިންވެސް މިފަދައިން ރިވާވެފައިވެއެވެ.

ދެވަނައީ:
އިމާމް މީހާ ސަލާމްދިނުމުން ތިބާގެ ނަމާދު ފުރިހަމަކުރަން ތެދުވި ހިސާބުން ތިބާ ބެލެވޭނީ އަމިއްލައަށް ނަމާދުކުރާ މީހެއްގެ ގޮތުގައެވެ. އޭގެ ފަހުން އިމާމް މީހާ ތަރާވީޙްގެ ދެން އޮތް ބައި ފެށުމުން އަލުން ޖަމާޢަތާ ގުޅުމާމެދު އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮވެއެވެ. އެއީ އަމިއްލައަށް ނަމާދު ކުރަން ފެށި މީހަކު ނަމާދުގެ ތެރެއިން ޖަމާޢަތަކާ ގުޅުމެވެ. މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ނަމާދު ފުރިހަމަކުރުމެވެ.

އިމާމް ނަވަވީ رحمه الله މިކަމުގެ ހުއްދަ އެއް އޮތްކަން ބަޔާންކުރައްވަމުން ވިދާޅުވެފައިވަނީ، ތަރާވީޙް ކުރާ އިމާމެއްގެ ފަހަތުގައި އިޝާ ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށާއި، އިމާމް ސަލާމް ދިނުމުން ތެދުވެ ބާކީ އޮތް ދެ ރަކުޢަތް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެންމެ އިސްކަންދެވޭ ގޮތަކީ އެ ދެ ރަކުޢަތް އަމިއްލައަށް ފުރިހަމަކުރުން ކަމަށްވެސް އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. (އަލްމަޖްމޫޢު ޝަރަޙް އަލްމުހައްޛަބު، 4/270).

ޝައިޚް އިބްނު އުޘައިމީން رحمه الله ވެސް ފަރުޟު ނަމާދު ކުރާ މީހާ ސުންނަތް ނަމާދު ކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ކަމަށް ދެކެވަޑައިގެންނެވި ނަމަވެސް، މިގޮތަށް އަލުން ޖަމާޢަތާ ގުޅުމާމެދު ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއް ގެންގުޅުއްވާފައިވެއެވެ.

ތިންވަނައީ:
ތަރާވީޙް ނަމާދު ދެ ރަކުޢަތުން ސަލާމް ނުދީ، އެއްފަހަރާ ހަތަރު ރަކުޢަތް ކުރުމަކީ ގިނަ އިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެކެވެ. އަދި ބައެއް އިލްމުވެރިން އެއީ ހުއްދަ ނޫން ކަމެއް ކަމަށްވެސް ދެކެވަޑައިގަންނަވައެވެ. ނަމަވެސް ޙަނަފީ މަޛްހަބުގައި އެގޮތަށް ކުރުން ހުއްދައެވެ.

ޝާފިޢީ މަޛްހަބުގެ އިލްމުވެރިއެއް ކަމަށްވާ އަލްޚަޠީބު އައްޝަރުބީނީ رحمه الله ވިދާޅުވަނީ، އެއް ސަލާމުން ހަތަރު ރަކުޢަތް ކޮށްފިނަމަ އެ ނަމާދު ފުރިހަމައެއް ނުވާނެ ކަމަށެވެ. ސަބަބަކީ ތަރާވީޙް ނަމާދަކީ ޖަމާޢަތުގައި ކުރާ ނަމާދަކަށް ވުމުން އެކަން ކުރަންވާނީ ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތަށް ދެ ރަކުޢަތުން ދެ ރަކުޢަތުން ކަމަށްވާތީއެވެ.

ނަމަވެސް، ޙަނަފީ މަޛްހަބުގެ ރައުޔަށް ތަބާވެ އިމާމް މީހާ އެފަދައިން ނަމާދު ކުރާނަމަ، އެ އިމާމާގެ ފަހަތުގައި ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ.

ތިބާ އެ އިމާމާއެކު ސާދަ ރަކުޢަތް ކުރި ކަމުގައިވިޔަސް އެކަން ޞައްޙަވާނެއެވެ. އެހެންނަމަވެސް، އެންމެ ރަނގަޅު ގޮތަކީ އިޝާ ނަމާދުގެ ޖަމާޢަތް ފެށޭއިރު ދިއުމެވެ. އޭރުން އިޝާ ނަމާދުގެ ޖަމާޢަތުގެ ފުރިހަމަ ސަވާބު ލިބި، ތަރާވީޙް ނަމާދުވެސް އެކުގައި ފެށުމުގެ ފުރުޞަތު ލިބޭނެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަހެއްގެ މާނައިގައިވެއެވެ: “އިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހަކަށް ރޭގަނޑުގެ ދެބައިކުޅަ އެއްބައި ރޭއަޅުކަމުގައި ހޭދަކުރި ފަދަ ސަވާބު ލިބޭނެއެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހަކަށް މުޅި ރޭގަނޑު ރޭއަޅުކަމުގައި ހޭދަކުރި ފަދަ ސަވާބު ލިބޭނެއެވެ.” (މުސްލިމް: 656).

އަދި އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: “މީހަކު އިމާމާ ނަމާދު ނިންމަންދެން އޭނާއާއެކު ނަމާދުކޮށްފިނަމަ، އޭނާއަށް މުޅި ރޭގަނޑު ރޭއަޅުކަން ކުރިކަމުގެ ސަވާބު ލިޔުއްވޭނެއެވެ.” (ނަސާއީ، ތިރުމިޛީ، އަބޫދާއޫދު).

والله أعلم.

ރިފަރެންސް: އިސްލާމްކިއޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close