ދީން

ދީނީ ދަރުސްތަކުގެ މުހިންމުކަމާއި އޭގެ ފައިދާ

އިސްލާމްދީނުގެ މަތިވެރި ދަޢުވަތު ފެތުރުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، މި ފަދަ ދަރުސްތަކުގެ އޯޑިއޯ އާއި ވީޑިއޯ ފަސޭހައިން ބަލައިލެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައެވެ.

ކަން މިހެން އޮތް ނަމަވެސް، ބައެއް ފަރާތްތަކުގެ ހިތުގައި އުފެދޭ ސުވާލެއް އޮވެއެވެ. އެއީ، “ދަރުސްތަކަށް ދިޔަޔަސް އައު މަޢުލޫމާތެއް ނުލިބޭ ކަމަށާއި، އަބަދުވެސް އިވެނީ އެނގޭ ވާހަކަތަކެއް ކަމަށްވާތީ، އެ ތަނަށް ދިއުމުގެ ބޭނުމަކީ ކޮބައިތޯ؟” ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ޤުދުސިއްޔަ ޙަދީޘެއްގެ އެހީގައި ބަޔާންކޮށްދޭނަމެވެ. އިންޝާﷲ.

މިއީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ގުދުސިއްޔަ ހަދީޘެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:

ގުޅުންހުރި ލިޔުންތައް

މާތްﷲ (ސުބުޙާނަހޫ ވަތަޢާލާ) ގެ މަލާއިކަތުންގެ ތެރެއިން، ﷲ ގެ ޛިކުރު ކުރެވޭ މަޖިލިސްތައް ހޯދުމަށްޓަކައި ބިމުގައި ދަތުރުކުރައްވާ ޚާއްޞަ މަލާއިކަތުން ބަޔަކުވެއެވެ. އެފަދަ މަޖިލީހެއް ފެނިއްޖެނަމަ، އެބޭކަލުން އެބައިމީހުންނާއެކު އިށީނދެވަޑައިގަންނަވައެވެ. އަދި އެބޭކަލުންގެ ފިޔަފުޅުތަކުން އެކަކު އަނެކަކު ވަށާލައްވައި، ދުނިޔޭގެ އުޑާ ހަމައަށް އެ ސަރަޙައްދު ފުރާލައްވައެވެ. އެ މަޖިލިސް ނިމިގެން މީސްތަކުން ދިއުމުން، އެ މަލާއިކަތުން އުޑަށް އަރައިވަޑައިގަންނަވައެވެ.

ދެން ﷲ ތަޢާލާ އެބޭކަލުންނަށްވުރެ ބޮޑަށް އެކަން ދެނެވޮޑިގެންވާ ހާލު، އެ މަލާއިކަތުންނާ ސުވާލު ކުރައްވައެވެ: “ތިޔަބޭކަލުން ތިޔަ ވަޑައިގަތީ ކޮންތަނަކުން ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “އަޅަމެން މިވަޑައިގަތީ ބިމުގައިވާ އިބަ އިލާހުގެ އަޅުތަކެއްގެ ގާތުންނެވެ. އެބައިމީހުން އިބަ އިލާހަށް ތަސްބީޙަ ކިޔައި (ސުބުޙާނަﷲ)، ތަކްބީރު ކިޔައި (ﷲ އަކްބަރު)، ތަހްލީލު ކިޔައި (ލާއިލާހަ އިލްލަﷲ) އަދި އިބަ އިލާހަށް ޙަމްދުކޮށް (އަލްޙަމްދުލިﷲ)، އިބަ އިލާހުގެ ހަޟްރަތުން ކަންކަމަށް އެދި ދަންނަވަނީއެވެ.”

ﷲ ތަޢާލާ ވަޙީކުރައްވައެވެ: “އެބައިމީހުން ތިމަން އިލާހުގެ ހަޟްރަތުން އެދެނީ ކޮން ކަމަކަށް ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “އެބައިމީހުން އެދެނީ އިބަ އިލާހުގެ ސުވަރުގެއަށެވެ.” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “އެބައިމީހުންނަށް ތިމަން އިލާހުގެ ސުވަރުގެ ފެނުނު ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “ނޫނެކެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ!” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “ފަހެ، އެބައިމީހުންނަށް ތިމަން އިލާހުގެ ސުވަރުގެ ފެނުނުނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “އަދި އެބައިމީހުން އިބަ އިލާހުގެ ރައްކާތެރިކަމަށް އެދި ދަންނަވައެވެ.” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “އެބައިމީހުން ރައްކާތެރިކަމަށް އެދެނީ ކޮން ކަމަކުން ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “އިބަ އިލާހުގެ ނަރަކައިންނެވެ.” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “އެބައިމީހުންނަށް ތިމަން އިލާހުގެ ނަރަކަ ފެނުނު ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “ނޫނެކެވެ.” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “ފަހެ، އެބައިމީހުންނަށް ތިމަން އިލާހުގެ ނަރަކަ ފެނުނުނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ: “އަދި އެބައިމީހުން އިބަ އިލާހުގެ ފުށުން ފާފަފުއްސެވުމަށް އެދެއެވެ.”

ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ: “ތިމަން އިލާހު އެބައިމީހުންނަށް ފާފަފުއްސަވައިފީމެވެ. އަދި އެބައިމީހުން އެދުނު ކަންތައް އެބައިމީހުންނަށް ދެއްވައި، އެބައިމީހުން ބިރުގަތް ކަންތަކުން ރައްކާތެރިކަން ދެއްވައިފީމެވެ.”

އެހިނދު މަލާއިކަތުން ދަންނަވައެވެ: “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އެބައިމީހުންގެ ތެރޭގައި ފާފަވެރި އަޅަކުވެސް ހުއްޓެވެ. އޭނާ އެތަނަށް ދިޔައީ އެހެން ބޭނުމަކު ދަތުރުކުރަނިކޮށް، އެބައިމީހުންނާ އެކުގައި އިށީނީއެވެ.” ﷲ ތަޢާލާ ވަޙީކުރައްވައެވެ: “އޭނާއަށްވެސް ތިމަން އިލާހު ފާފަފުއްސަވައިފީމެވެ. އެބައިމީހުންނަކީ އެބައިމީހުންނާއެކު އިށީންނަ މީހަކުވެސް ބަދުނަސީބު ނުވާނޭ ފަދަ މާތް ބަޔެކެވެ.”

(މި ޙަދީޘް ރިވާކުރެއްވީ މުސްލިމް، ބުޚާރީ، ތިރްމިޛީ އަދި ނަސާއީ އެވެ.)

ދީނީ ދަރުސްތަކަށް ހާޒިރުވުމަކީ ހަމައެކަނި އައު މަޢުލޫމާތު ހޯދުމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހިތްތައް ދިރުވައި، އީމާންތެރިކަން އައުކޮށްދޭ ކަމެކެވެ. ކީރިތި ޤުރުއާންވެސް އަޅުގަނޑުމެން ތަކުރާރުކޮށް ކިޔަވަނީ ހަމަ އެ ސަބަބަށްޓަކައެވެ.

ދީނީ ދަރުސްތަކުން ލިބޭ މައިގަނޑު ފައިދާތައް:

  • ﷲ ތަޢާލާގެ މަތިން ހަނދުމަވުން.
  • އާޚިރަތް ދުވަހުގެ މަތިން ހަނދާން އައުވުން.
  • އިސްލާމީ ޙުކުމްތައް އިތުރަށް ސާފުވެ، ހަނދާނުގައި ހަރުލުން.
  • މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން އިޙްސާސްވުން.
  • ހިތަށް ނުހަނު ބޮޑު ހަމަޖެހުމެއް ލިބުން.
  • އަޅުކަންކުރުމަށް ހިތްވަރާއި ހީވާގިކަން ލިބުން.
  • އަމިއްލަ ނަފްސު އިޞްލާޙުކުރާނެ މަގުތައް އެނގުން.
  • ގިނަގުނަވެގެންވާ ދަރުމައާއި ޘަވާބު ލިބުން.
  • ފާފަތައް ފޮހެވިގެންދިއުމުގެ ސަބަބަކަށްވުން.

ވީމާ، ލިބޭ ހުސްވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދީނީ ދަރުސްތަކަށް ހާޒިރުވުމަށާއި އެފަދަ ޕްރޮގްރާމްތައް އަޑުއެހުމަށް އިސްކަންދެމާ ހިނގާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮކަންކަމަށް ދަޢުވަތުދީ، ދީނީ ކަންކަމުގައި ހިތްވަރު ދޭ ބަޔަކަށް ވަމާ ހިނގާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close