ކުޅިވަރު

ބެސްޓް ތްރީ އޮން ތްރީ މުބާރާތް ފަށައިފި

ލަންދޫގެ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް، ދިގު އިންތިޒާރަކަށްފަހު، “ބެސްޓް ޖަމްޢިއްޔާ”އިން އިންތިޒާމްކޮށްގެން “ބެސްޓް ތްރީ އޮން ތްރީ ފުޓްބޯލް ޓޯނަމެންޓް 2026” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. ޑިސެމްބަރު 23 އިން މާރޗް 1 އަށް ލަންދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ލަންދޫގެ ފުޓްބޯޅަ ދަނޑެއް ނެތި އުފެދިފައިވާ ދިގު ހުސްކަމަކަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަމަށް މައުލޫމާތު ލިބެއެވެ.

މި މުބާރާތަކީ ލަންދޫގެ ޒުވާނުންނަށް ފުޓްބޯޅަ ކުޅޭނެ އެކަށީގެންވާ ދަނޑެއް ނުލިބި ގިނަ އަހަރުތަކެއް ހޭދަ ކުރުމަށްފަހު އެރަށުގައި ބޭއްވޭ ފުޓްބޯޅައިގެ ފުރަތަމަ މުބާރާތްކަމުން، ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ސިއްހަތު ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށް ބެސްޓް ޖަމްޢިއްޔާއިން ދެމުންގެންދާ އެހީތެރިކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ ކޮންމެ ދުވަހަކު ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ޑިސެމްބަރު 23 އިން ފެށިގެން މާރޗް 1 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާއިރު، ހުރިހާ މެޗުތަކެއް ކުޅޭނީ ލަންދޫ ފުޓްބޯޅަ ދަނޑުގައެވެ. މިއީ ރަށުގެ ފުޓްބޯޅަ އަށް އައު ހިތްވަރެއް ގެނެސްދޭނެކަމަށް ބެލެވެއެވެ.

މި މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިން ފާހަގަކުރުމަށްޓަކައި ތަފާތު އެވޯޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައިވާ “ކިންގް” ހޮވާނެއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި، މުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިންވެސް ހޮވައި، އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ “ޝާޔާސް ކިޗަން” އެވެ. މީގެ އިތުރުންވެސް، މި މުބާރާތުގެ ކާމިޔާބީއަށްޓަކައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހުރިހާ ފަރާތްތަކަށް ބެސްޓް ޖަމްޢިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި “ލާސްޓް ޓައިމް” އާއި “އެޓޭކް” ބައްދަލުކުރިއެވެ. މި މެޗު 10 ގޯލް 0 ގޯލުގެ ތަފާތުން ކާމިޔާބުކުރީ “ލާސްޓް ޓައިމް” އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލާސްޓް ޓައިމް ޓީމަށް 5 ގޯލް ޖަހައިދިން ޖަވާ އެވެ. ޖަވާގެ އިތުރުން މުއާ 3 ގޯލާއި، ނާގެ 2 ގޯލް އެޓީމަށް ކާމިޔާބުކޮށްދިނެވެ. ދެވަނަ މެޗުގައި “ލިގަމެންޓް” އާއި “އެކޯ” ބައްދަލުކުރިއިރު، މި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ލިގަމެންޓްގެ ގޯލް ޔޫއްޓެ ކާމިޔާބުކުރިއިރު، އެކޯ ޓީމަށް ގޯލް ޖަހައިދިނީ މިވާރު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close