މާދަމާ އަކީ ހިޖުރީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ރަސްމީކޮށް ކަނޑައަޅައިފިއެވެ. މިކަން އިޢުލާން ކުރީ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހަނދާބެހޭ ބަޔާނުގައި ސޮއިކުރެއްވުމަށްފަހުގައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި، ވަޒީރު ޑރ. ޝަހީމް ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވައިދެއްވިއެވެ. މި ބަޔާނުގައިވާ ގޮތުން، ހިޖުރީ 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ވަނީ ޝަރުޢީ ހަމަތަކުން ސާބިތުވެފައެވެ.
މީގެ އިތުރުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މި ނިންމުން ނިންމީ ކަމަށްވެސް ފާހަގަކުރެއްވިއެވެ. މި އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގެ އިސްލާމީ ޤައުމުތަކުގައި ހަނދު ފެނި، އެކަން ޝަރުޢީ ހަމަތަކުން ސާބިތުވެއްޖެނަމަ، ރާއްޖޭގައި ރޯދަ ފެށުމަށް ނިންމައެވެ.
ސައުދީ އަރަބިއްޔާއިން ވެސް މިރޭ ވަނީ އެ ގައުމަށް ރަމަޟާން މަހުގެ ހަނދު ސާބިތުކުރެވިފައިވާތީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ރަސްމީކޮށް ކަނޑައަޅާފައެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް މާދަމާއާއެކު ރޯދައިގެ އަޅުކަން ފަށާނެއެވެ.
ރޯދަ ހިފުމަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. މުސްލިމުންނަށް މި މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ބަރަކާތްތައް ގިނަވެގެންވާ، ފާފަތައް ފޮހެވޭ، އަދި ހެޔޮކަންތައް އިތުރުކުރަން ލިބޭ ރަން ފުރުޞަތެކެވެ. މި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ހެޔޮ އެދުންތައް ފޮނުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...