ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުންމީދުކުރަން: ރައީސް

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި އިސްވެރިންގެ އިތުރުން ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
“އެކްސް” މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށާއި، ސްޓޭޓް ކައުންސިލަރ ލީ ކިއާންގްގެ އިތުރުން ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. މި މެސެޖުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިއަހަރަކީ ޗައިނާގެ ބުރުޖުގެ ހިސާބުތަކުން “ފަޔަރ ހޯސް” އަހަރެއްކަން ފާހަގަކުރައްވައި، މިއީ އުންމީދާއި، ސާބިތުކަމާއި، ކާމިޔާބީ ރަމްޒުކޮށްދޭ އަހަރެއް ކަމުގައި ވިދާޅުވިއެވެ. ޗައިނާގެ ސަގާފީ ގަބޫލުކުރުންތަކުގައި “ފަޔަރ ހޯސް” އަހަރަކީ ބޮޑެތި ބަދަލުތަކާއި، ހަލުވި ކުރިއެރުމާއި، ވަރުގަދަ ލީޑަރޝިޕެއް ފެނިގެންދާނެ އަހަރެކެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ފާއިތުވި އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ. ޗައިނާއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް އިޤްތިޞާދަކުން ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދަށް ބާރަށް ބަދަލުވެފައިވާ ޤައުމެކެވެ. އެތައް މިލިއަން ރައްޔިތުންނެއް ފަގީރުކަމުން ސަލާމަތްކޮށް، ދުނިޔޭގެ އެންމެ ބޮޑު، ހަލުވި ރޭލު ނިޒާމު ބިނާކޮށްފައިވެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާ ފުޅާކޮށް، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގައި ވެސް އެ ޤައުމަކީ ދުނިޔޭގެ އިސް ސަފުގައި ހިމެނޭ ޤައުމެކެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ތާރީޚީ ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ވަރަށް ދިގު ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. މި ޒަމާނުގައި މި ގުޅުން ވަނީ އުމްރާނީ ތަރައްޤީގެ ދާއިރާއިން ވަރަށް ބޮޑަށް ބަދަލުވެ، އިތުރަށް ބަދަހިވެފައެވެ. ޗައިނާގެ އެހީތެރިކަމާއެކު ހިންގާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި، މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާއިރު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓެވެ.
އުމްރާނީ ތަރައްގީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިވެރިވުން ވަނީ ތަޢުލީމީ، ސިއްޙީ، ކާރިސާތަކުގައި އެހީތެރިވުން އަދި އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާތަކަށް ފުޅާވެފައެވެ. ދިވެހި ދަރިވަރުންނަށް ދޭ ސްކޮލަރޝިޕްތަކާއި، ސިއްޙީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ޤާއިމުކުރެވިފައިވާ ގުޅުންތަކުގެ ސަބަބުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަން ވަނީ އިތުރަށް ބަދަހިވެފައެވެ.
ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ކުރިއަރައި، ދެ ޤައުމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.


