ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށް ސާބިތުވެ އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ސިއްހީ ހާލަތަށް ބަލައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ އޭނާ އިއްޔެ ގެއަށް ބަދަލުކުރީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާތީ ކަމަށެވެ.
ސައީދުގެ މައްޗަށް ޖަލު ހުކުމް އިއްވީ 2019 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ކުންފުންޏާ ހަވާލުކުރި މަސައްކަތެއް ނުނިމެނީސް، އެކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައިގައެވެ. މީގެ އިތުރުން ލ. މާމެންދޫ އައިސްޕްލާންޓެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އޭނާގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލާފައެވެ.
އަހުމަދު ސައީދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ ތެރެއިން ކޮރަޕްޝަންގެ ކުށް މިހާތަނަށް ސާބިތުވި ހަމައެކަނި ފަރާތެވެ. އޭނާގެ ފަރާތުން މިހާރު ވަނީ ޖަލު ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...