ބޭރުދުނިޔެ

ޔޫކްރެއިނުން ދޫދިނުމަށް އެމެރިކާއިން “އާދަޔާ ހިލާފަށް ގިނައިން” ބާރުއަޅާ – ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، އަންނަ ހަފުތާގައި އެމެރިކާ މެދުވެރިވެގެން ރަޝިޔާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކާމެދު އުންމީދު އެބައޮތް ކަމަށެވެ. ނަމަވެސް، ދޫދިނުމަށް “އާދަޔާ ހިލާފަށް ގިނައިން” ކިއޭވްއަށް ބާރުއަޅަމުންދާ ކަމަށް ވިދާޅުވެ، ސަލާމަތީ ގޮތުން ސާފު ޔަގީންކަމެއް (security guarantees) ދިނުމަށް އޭނާ ވަނީ އެކުވެރި ގައުމުތަކަށް ގޮވާލައްވާފައެވެ.

އަހަރީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ މިހެން ވިދާޅުވީ، 1945 ވަނަ އަހަރަށްފަހު ޔޫރަޕްގައި ހިނގަމުންދާ އެންމެ ބޮޑު ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅޭގޮތުން، އެމެރިކާ މެދުވެރިވެގެން ޔޫއޭއީގެ އަބޫދާބީގައި ދާދި ފަހުން ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފައިވެއެވެ. މި ބައްދަލުވުންތަކަކީ ބިނާކުރަނިވި ބައްދަލުވުންތަކެއް ކަމަށް ދެފަރާތުން ސިފަކުރި ނަމަވެސް، އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ތިން ފަރާތުން މި ހަފުތާގައި އަނެއްކާވެސް ސްވިޒަލޭންޑްގެ ޖެނީވާގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޒެލެންސްކީ ވިދާޅުވީ، އަންގާރަ އަދި ބުދަ ދުވަހު ޖެނީވާގައި ބާއްވާ ތިން ގައުމުގެ މަޝްވަރާތަކަކީ “ސީރިއަސް، މާނަހުރި” އަދި “ކޮންމެ ފަރާތަކަށްވެސް ފައިދާހުރި” މަޝްވަރާތަކަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“ނަމަވެސް ތެދަށް ބުނާނަމަ، ބައެއް ފަހަރު އިހުސާސް ކުރެވެނީ ދެފަރާތުން ވާހަކަ ދައްކަނީ މުޅިން ތަފާތު ދެ ކަމަކާ ބެހޭގޮތުން ހެން،” ޒެލެންސްކީ ވިދާޅުވިއެވެ.

“އެމެރިކާއިން ގިނައިން ވާހަކަ ދައްކަނީ ދޫދިނުމާ ބެހޭގޮތުން. އަދި ގިނަ ފަހަރަށް އެ ވާހަކަ ދެކެވެނީ ހަމައެކަނި ޔޫކްރެއިނުން ދޫދޭންޖެހޭ ކަންކަމާ ގުޅޭގޮތުން، ރަޝިޔާއާ ބެހޭގޮތަކުން ނޫން،” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫކްރެއިންގެ ރައީސް ވިދާޅުވީ، މަޝްވަރާގެ މޭޒުދޮށުގައި ޔޫރަޕްގެ ގައުމުތައް ބައިވެރިވާނަމަ ހަނގުރާމަ ހުއްޓުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. ނަމަވެސް މޮސްކޯއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

“މަޝްވަރާތަކުގައި ޔޫރަޕްގެ އެއްވެސް ދައުރެއް ނެތް ކަހަލަ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ގޯހެއް،” އޭނާ ވިދާޅުވިއެވެ. އަދި ޔޫކްރެއިނުން އަބަދުވެސް ބާރުއަޅަނީ އެއް ކަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

“ސުލްހަ ގާއިމުކުރެވޭނީ ސަލާމަތީ ގޮތުން ސާފު ޔަގީންކަމެއް ލިބިގެން. ކަނޑައެޅިފައިވާ ސަލާމަތީ ނިޒާމެއް ނެތް ތަނެއްގައި، ހަނގުރާމަ އަބަދުވެސް އަލުން ފެށޭނެ،” ޒެލެންސްކީ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close