ހުޅުމާލެ ފޭސް 2 އިން ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ކެފޭ، ރެސްޓޯރެންޓު އަދި ފިހާރަތަކަށް އަމާޒުކޮށް އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަނުގައި އެ ސަރަހައްދުގައި މަސައްކަތްކުރާ ޖުމްލަ 95 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ.
މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންނަކީ ސައްހަ ލިޔެކިޔުން އޮތް ބައެއްތޯ ކަށަވަރު ކުރުމަށް ހިންގުނު ހަރަކާތެކެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 10 ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ފަރާތްތަކެއް ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.


