ބޭރުދުނިޔެ

ރަޝިޔާގެ ވަރުގަދަ ޑްރޯން ހަމަލާއެއް ޔޫކްރެއިނަށް

ޔޫކްރެއިނަށް ރަޝިޔާއިން ދިން ވަރުގަދަ ޑްރޯން ހަމަލާއެއްގައި އެއް އާއިލާއަކަށް ނިސްބަތްވާ ބައްޕައަކާއި ތިން ކުޑަކުދިން މަރުވެއްޖެއެވެ. މި ހާދިސާގައި އެކުދިންގެ މާބަނޑު މަންމައަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާއިން ރޭގަނޑުގެ ވަގުތެއްގައި ދިން މި ހަމަލާގައި ޖުމްލަ ފަސް މީހުން މަރުވެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިސްވެ ކުރަމުންދާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ނުލިބި، ލަސްވަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިންގެ އިރުއުތުރު ހާރްކީވް ސަރަހައްދުގެ ބޮހޮދުޚީވް އަވަށުގައި ހުރި އަމިއްލަ ގެއަކަށް ރަޝިޔާގެ ޑްރޯން ހަމަލާ އަމާޒުވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހަމަލާގައި އެ އާއިލާގެ ހަތަރު މީހަކު މަރުވިއިރު، މުޅި ހާދިސާއިން ސަލާމަތްވީ ހަމައެކަނި އެކުދިންގެ މާބަނޑު މަންމައެވެ.

ހާރްކީވްގެ ޕްރޮސެކިއުޓަރ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާގައި އެ ގެ އެއްކޮށް ސުންނާފަތިވެ، މުޅި އާއިލާ އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ދެ އަހަރުގެ އެއްމާބަނޑު ދެ ފިރިހެން ކުދިންނާއި، އެއް އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން އެކުދިންގެ 34 އަހަރުގެ ބައްޕައެވެ.

ކުދިންގެ މަންމައަކީ 35 ހަފުތާގެ މާބަނޑު މީހެކެވެ. ރެސްކިއު ޓީމުތަކުން އޭނާ ދިރިހުއްޓާ ނެރުނު ނަމަވެސް، ހަށިގަނޑުގެ ބައެއް ތަންތަން ފިހި، ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ފަދަ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.

ޔޫކްރެއިންގެ އެމަޖެންސީ ސާވިސްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ސަލާމަތްކުރާ ފަރާތްތަކުން ދިޔައީ ސުންނާފަތިވެފައިވާ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close