ޓެކްނޮލޮޖީ

އެއަރޑްރޮޕް ހުރިހާ އެންޑްރޮއިޑް ފޯނުތަކަށް

ގޫގުލް އިން އެއަރޑްރޮޕްގެ ޚިދުމަތް ހުރިހާ އެންޑްރޮއިޑް ޑިވައިސްތަކަށް ތަޢާރަފުކުރާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. މިކަމުގެ ސަބަބުން، އެންޑްރޮއިޑް ފޯނުތަކުން އައިފޯނާއި އައިޕެޑް އަދި މެކްބުކް ފަދަ އެޕަލްގެ އުފެއްދުންތަކަށް ފައިލްތައް ފަސޭހަކަމާއެކު ހިއްސާކުރެވިގެންދާނެއެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕިކްސެލް 10 ސީރީޒްގެ ފޯނުތަކަށް އެކަނި ޚާއްސަކޮށް ތަޢާރަފުކުރި މި ފީޗާ، މި އަހަރުގެ ތެރޭގައި ހުރިހާ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެއަރޑްރޮޕްގެ ޚިދުމަތަކީ އެޕަލްގެ އުފެއްދުންތަކުގައި އަބަދުވެސް އޮންނަ މުހިންމު ފީޗާއެކެވެ. އެންޑްރޮއިޑް ސިސްޓަމްގައި އެއާ ގުޅޭ ޚިދުމަތެއް ކަމަށްވާ ކުއިކް ޝެއަރ (Quick Share) ތަޢާރަފުކުރެވުނު ނަމަވެސް، މި ދެ ސިސްޓަމް އެކަތިގަނޑަކަށްވެގެން މަސައްކަތްކުރާނެކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރެއެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޕިކްސެލް 10 ޑިވައިސްތަކުން މިކަން ތަޖުރިބާކުރަންފެށިއެވެ.

ގޫގުލް އިން މިހާރު މިވަނީ، އެންޑްރޮއިޑްގެ ވައިސް ޕްރެޒިޑެންޓް އޮފް އިންޖިނިއަރިންގ، އެރިކް ކޭ، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވި ބަޔާނަކުން، އެއަރޑްރޮޕް ޚިދުމަތް ހުރިހާ އެންޑްރޮއިޑް ޑިވައިސްތަކަށް ފުޅާކުރުމަށް ރޭވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އައިފޯނާއި، އައިޕެޑް، އަދި މެކްބުކް ފަދަ އުފެއްދުންތަކާވެސް ގުޅޭ ގޮތަށް މި ޚިދުމަތް ތަރައްޤީކުރުމަށް ވަރަށް ގިނަ ވަގުތާއި ހަކަތަ ހޭދަކޮށް މިހާރު އެކަން ކާމިޔާބުކުރެވިފައިވާ ކަމަށާ އަދި މި ޚިދުމަތް އެންޑްރޮއިޑް އިކޯސިސްޓަމްގެ އެހެން ބައިތަކަށް ފުޅާކުރަމުން ދާކަމަށްވެސް އެރިކް ކޭ ވިދާޅުވިއެވެ.

މި ޚިދުމަތް ހަމައެކަނި ޕިކްސެލް ޑިވައިސްތަކަށް ޚާއްސަ ނުކުރުމަށް ގޫގުލް އިން ކުރިންވެސް ވަނީ ޕްލޭން ކޮށްފައިކަން މި ފީޗާ ޕިކްސެލްއަށް ޚާއްސަ ނުކޮށް، ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ޕްލޭ ސްޓޯރަށް ނެރުނުކަންވެސް މިކަން ހާމަކޮށްދެއެވެ.

މިކަން ހަޤީގަތަކަށް ވުމަށް ވަކި ތާރީޚެއް ގޫގުލްއިން ކަށަވަރުކޮށްފައި ނެތް ނަމަވެސް، ޓެކްނޮލޮޖީގެ ދުނިޔޭގެ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވަނީ އުފާވެރި ޚަބަރަކަށްވެފައެވެ. މިކަމުގެ ސަބަބުން ޑިވައިސްތަކުގެ މެދުގައި ފައިލް ހިއްސާކުރުމުގެ ތަޖުރިބާ އިތުރަށް ފަސޭހަވެ، ޔޫޒަރ އެކްސްޕީރިއަންސް މަތިވެގެންދާނެކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close