ގަލްފު ގައުމުތަކުގެ ސިނަމާތަކުގައި މަނާކުރި ފިލްމު “ދުރަންދަރު” ނެޓްފްލިކްސްގެ ގަދަ އެކަކަށް

ބޮލީވުޑްގެ ތަރި ރަންވީރު ސިންގް މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު “ދުރަންދަރު” ގަލްފުގެ ބައެއް ގައުމުތަކުގެ ސިނަމާތަކުގައި ދެއްކުން މަނާކޮށްފައި އޮތް ނަމަވެސް، އެ ގައުމުތަކުގެ ނެޓްފްލިކްސް ޗާޓުގެ އެއްވަނަ މި ފިލްމު ހޯދައިފިއެވެ.
އަދިތްޔަ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިހާރު ޔޫއޭއީ، ބަހްރޭން އަދި އޮމާންގެ ނެޓްފްލިކްސްގައި އެންމެ މަގުބޫލު ފިލްމެވެ. މީގެ އިތުރުން އިންޑިއާ އާއި ޕާކިސްތާނުގެ ނެޓްފްލިކްސް ޗާޓުގެ އެއްވަނަ ވެސް މި ފިލްމު ވަނީ ހޯދާފައެވެ.
ނެޓްފްލިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ފިލްމު ވަނީ ސައުދީ އަރަބިއްޔާގެ ޗާޓުގެ 7 ވަނައިގައި އަދި ކުވެއިތުގެ ޗާޓުގެ 3 ވަނައިގައި ވެސް ރޭންކު ކުރެވިފައެވެ. މިއީ ސިނަމާތަކުގައި ފިލްމު ދެއްކުން މަނާކޮށްފައިވާ ގައުމުތަކަކަށް ވީ ނަމަވެސް، އެ ގައުމުތަކުގެ ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން ހާމަވާ ކަމެކެވެ.
“ދުރަންދަރު” ގަލްފުގެ ހަ ގައުމެއް ކަމަށްވާ ޔޫއޭއީ، ސައުދީ އަރަބިއްޔާ، ގަތަރު، އޮމާން، ކުވެއިތު އަދި ބަހްރޭންގައި މަނާކުރީ ފިލްމުގައި ހިމެނޭ ސިޔާސީ މައުލޫއުތަކަކާ ގުޅިގެންނެވެ. އިންޑިއާގެ ޖާސޫސީ އިދާރާ “ރޯ” (RAW) އެޖެންޓެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ޕާކިސްތާނާ ގުޅޭގޮތުން ހުރި ބައެއް މަންޒަރުތަކުގެ ސަބަބުން، އެ ގައުމުތަކުގެ ސެންސަރު ބޯޑުން ވަނީ ފިލްމު ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ނުދީފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގައި ސިނަމާތަކަށް ރިލީޒްކުރި މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާފައިވަނީ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.
މި ފިލްމަށް ލިބެމުންދާ ބޮޑު ތަރުހީބާ އެކު، ފިލްމުގެ ދެވަނަ ބައި “ދުރަންދަރު: ދަ ރިވެންޖް” އަންނަ މާރިޗު މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާނެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މަޝްހޫރު އެކްޓަރު ޔަޝްގެ ފިލްމު “ޓޮކްސިކް” އާ އެކު އެއް ދުވަހެއްގައެވެ.


