ކެންސަރު ބަލީގެ ފަރުވާ ރާއްޖޭގެ އަތޮޅުތަކުގައި ފެށިގެން ދިއުމަކީ މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ޤައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ކެންސަރު ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ޒަމާންތަކެއް ވަންދެން މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އަތޮޅުތަކުގައި މި ޚިދުމަތް ފުޅާވުމަކީ ބަލިމީހުންނާއި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ލުއިތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ މި ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މާލެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި 4 ވަނަ ހޮސްޕިޓަލް ކަމަށެވެ. މީގެ އިތުރުން، ކެންސަރު ބައްޔާ ހިތްވަރާއެކު ހަނގުރާމަ ކުރަމުންދާ ފަރާތްތަކުގެ ހިތްވަރު ފާހަގަކުރައްވައި، ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި ޖަމިއްޔާތަކުން ކުރާ ބުރަ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ 4 ވަނަ ދުވަހު ބައިނަލްއަޤުވާމީ ގޮތުން މި ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން އެދޭ ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން، ބައްޔާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމާއި، ރާއްޖޭގައި މި ބަލީގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...