ޚަބަރު

ޖަލުގައި ގައިދީންނަށް އަނިޔާ ނުކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެފި

ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް ނިޔާވުމާ ގުޅިގެން، ގައިދީންނަށް އަނިޔާކުރާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ތުހުމަތުތައް މޯލްޑީވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ދޮގުކޮށްފި އެވެ. އެ އިދާރާ އިން ބުނީ ޖަލުތަކުގައި އެއްވެސް ގައިދީއަކަށް އަނިޔާ ނުކުރާނެ ކަމަށާއި އެއީ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، އިއްޔެ މެންދުރު ފަހު ނިޔާވީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގޭ، ހަސަން ނިޔާޒް ކަމަށާއި އޭނާއަށް ކުއްލި މެޑިކަލް އިމަޖެންސީއެއް ދިމާވުމުން މެންދުރު 1:30 ގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި 2:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް އެ ސާވިސް އިން ބުންޏެވެ.

އުމުރުން 45 އަހަރުގެ ނިޔާޒަކީ މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. އެ ހުކުމްކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ނިޔާޒް ނިޔާވުމާ ގުޅިގެން، އޭނާގެ ކަރާއި މޭމައްޗަށް “އަނިޔާތަކެއް” ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ކުރެވުނެވެ. މި ތުހުމަތުތަކުގެ ބޭނުމަކީ ނިޔާޒަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ދައްކުވައިދިނުމެވެ.

އެ ތުހުމަތުތަކާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއްވެސް ގައިދީއަކަށް އަނިޔާއެއް ނުކުރާނެ ކަމަށް ވަރަށް ހަރުކަށި ބަހުރުވައަކުން ބުނެފަ އެވެ. “ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއްވެސް ގައިދީއަކަށް އަނިޔާއެއް ނުކުރާނެ. އެއީ ވަރަށް ހަރުކަށިކޮށް ބަލާކަމެއް،” އެ ސާވިސް އިން ފާހަގަކުރި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި، ގައިދީއަކު މަރުވުމާ އެކު އެ ސާވިސް އިން ވަގުތުން އެކަން ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި އެޗްއާރުސީއެމްގެ އިތުރުން އިންޓެގްރިޓީ ކޮމިޝަނަށް އަންގަ އެވެ. އެފަދަ ތުހުމަތުތަކެއް ކުރެވޭ ނަމަ އެކަން މި މިނިވަން މުއައްސަސާތަކުން ބަލާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close