ޚަބަރު ސިޔާސީ މައިދާނުން ނާކާމިޔާބުވެ، ކުރީގެ ފަނޑިޔާރު ރައޫފް އަލުން ހައިކޯޓަށް

ސިޔާސީ މައިދާނުން ނާކާމިޔާބުވެ، ކުރީގެ ފަނޑިޔާރު ރައޫފް އަލުން ހައިކޯޓަށް

ސިޔާސީ މައިދާނުން ނާކާމިޔާބުވެ، ކުރީގެ ފަނޑިޔާރު ރައޫފް އަލުން ހައިކޯޓަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަލުން ހައިކޯޓަށް އައްޔަން ކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މި ނިންމުން އައީ އޭނާ މީގެކުރިން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީއާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާތީ ގިނަ ބައެއްގެ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައޫފަކީ 2011 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ކަމަށް ބުނާ ފްލެޓެއް ޚާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް، އޭރުގެ ޖޭއެސްސީން ރައޫފު ފަނޑިޔާރުކަމުން ވަކިކުރަން ނިންމިއެވެ.

ޖޭއެސްސީން ރައޫފު ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވުމުން އޭނާ ފަނޑިޔާރު ކަމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން ރައޫފު ވަނީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވ. ކެޔޮދޫ ދާއިރާއަށް ކުރިމަތިލައްވާފައެވެ. ނަމަވެސް، މަޖިލީހުގެ އިންތިހާބުން އޭނާއަށް ވީ ނާކާމިޔާބެވެ. އޭގެ ފަހުން ރައޫފު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ، ސްޓެލްކޯ އާއި އެމްޕީއެލްގެ ލީގަލް މަސައްކަތް ކުރައްވައިފައެވެ.

ކުރިން ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފައިވާ ރައޫފު، އަލުން ހައިކޯޓަށް އައްޔަން ކުރަން ނިންމީ، ހައިކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުން ކުރެ އެއް މަގާމަށެވެ. މި ދެ މަގާމަކީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވި މުހައްމަދު ނިޔާޒްގެ މަގާމާއި އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މަގާމެވެ. މީގެ އިތުރުން ރިޕޯޓްތައް ބުނާ ގޮތުން ރައޫފުއާއެކު ދެން ހައިކޯޓަށް ނަގަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއުއެވެ. ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ޖޭއެސްސީން މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރަން ނިންމުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަން ފެށުމުން ޝަހީދު އަމިއްލައަށް ނަން ނެގީ ޖޭއެސްސީން އޭނާ އައްޔަންކުރަން ވެސް ނިންމި ފަހުން މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ.

ޓެގް

ހައިކޯޓް ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.