ބޭރުދުނިޔެ

އިސްރާއީލުން ޣައްޒާގެ ރަފަހް ބޯޑަރު އަންނަ އާދީއްތަ ދުވަހު އަލުން ހުޅުވާލުމަށް ނިންމައިފި

ދެ އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ރަފަހް ބޯޑަރު އަންނަ އާދީއްތަ ދުވަހު އަލުން ހުޅުވާލުމަށް އިސްރާއީލުން ވަނީ ރާވާފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ފަލަސްތީނުގެ ސަރަހައްދުތަކުގެ މަދަނީ ކަންކަން ބަލަހައްޓާ ކޯޑިނޭޓަރ އޮފް ގަވަރންމަންޓް އެކްޓިވިޓީޒް އިން ދަ ޓެރިޓަރީޒް (ކޯގަޓް) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއާއި މިޞްރު ގުޅުވައިދޭ މި ބޯޑަރު ހުޅުވާލި ނަމަވެސް، އެތަނުން ހުއްދަ ދެވޭނީ ވަކި އުސޫލެއްގެ ދަށުން “މަދު ބަޔަކަށް” ދަތުރުފަތުރު ކުރުމަށް ކަމަށެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ ދެ މިލިއަނެއްހާ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނާއި، ކާބޯތަކެއްޗާއި، ބޭހާއި އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ މުހިންމު މަގަކީ ރަފަހް ބޯޑަރެވެ. މި ބޯޑަރު ހުޅުވުމަކީ އެމެރިކާ މެދުވެރިވެގެން ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ހިމެނޭ ކަމެކެވެ. ނަމަވެސް، މިކަން ފުރިހަމަކުރާނެ ވަކި ތާރީޚެއް މީގެ ކުރިން ކަނޑައަޅާފައެއް ނުވެއެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުހިންމު ބައިތައް ފުރިހަމަވެފައިވަނީ، މި ހަފުތާގެ ކުރީކޮޅު ޣައްޒާގައި ހުރި އިސްރާއީލުގެ އެންމެ ފަހު އަސީރުގެ ހަށިގަނޑު އަނބުރާ ހަވާލުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ހުރިހާ ކަމެއް ފުރިހަމަކުރުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ. ޚާއްޞަކޮށް، ރަފަހް ބޯޑަރު އެއްވެސް ހުރަހަކާ ނުލައި ދެ ފަރާތަށްވެސް ހުޅުވާލުމަށް ވަނީ އެދިފައެވެ.

އެހެންނަމަވެސް، އިސްރާއީލުން ގަސްދުކުރަނީ ބޯޑަރުގެ ކޮންޓްރޯލް ވަރަށް ވަރުގަދައަށް ދެމެހެއްޓުމަށެވެ.

ކޯގަޓުން ބުނި ގޮތުގައި، ރަފަހް ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ވަދެ ނިކުމެ ހެދޭނީ މިޞްރާ ގުޅިގެން، އިސްރާއީލުން ދޭ ސެކިއުރިޓީ ކްލިއަރެންސްއަކަށް ފަހުގައެވެ. އަދި މިކަން ކުރިއަށްދާނީ ޖެނުއަރީ 2025 ގައި އަމަލުކުރި އުސޫލާ އެއްގޮތަށް ޔޫރަޕިއަން ޔޫނިއަންގެ މިޝަންގެ ބެލުމުގެ ދަށުންނެވެ.

އަދި މިޞްރުގައި ތިބި މީހުން އަނބުރާ ޣައްޒާއަށް ވަނުމުގެ ހުއްދަ ދެވޭނީ ހަނގުރާމައިގެ ދުވަސްވަރު ޣައްޒާ ދޫކޮށްދިޔަ މީހުންނަށް އެކަނި ކަމަށާއި، އެއީވެސް އިސްރާއީލުގެ ސެކިއުރިޓީ ކްލިއަރެންސް ލިބުމުން ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައިވާ ވަކި ސަރަހައްދެއްގައި މީހުން ދެނެގަތުމުގެ އިތުރު ސްކްރީނިންގްތަކެއް ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރަފަހް ބޯޑަރު އޮންނަ ސަރަހައްދަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ފަހަތަށް ޖެހުނު ނަމަވެސް، އަދިވެސް އެމީހުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ.

ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް ބުނި ނަމަވެސް، އިސްރާއީލު ސިފައިން އަދިވެސް ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ އިރު، އެމީހުން ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ ޝަހީދުވަމުންނެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު ހަމާސްއިން ވަނީ ބޯޑަރު ވަގުތުން ހުޅުވާލުމަށް އަނެއްކާވެސް ގޮވާލާފައެވެ. އަދި އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ވަގުތުން ދިއުމަށް ބާރުއަޅާފައިވެއެވެ. މި މަރުހަލާގައި ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އަލަށް އައްޔަންކުރި ފަލަސްތީނުގެ ޓެކްނޯކްރެޓިކް ކޮމިޓީއަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ދިނުންވެސް ހިމެނެއެވެ. ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފިނި މޫސުމުގެ ތޫފާންތަކާ ކުރިމަތިލަމުންދާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.

އދ. އާއި ބައިނަލްއަޤްވާމީ އެހެނިހެން ޖަމިއްޔާތަކުންވެސް ދަނީ ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުންދާތީ، ބޯޑަރު ހުޅުވާލުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

އިސްރާއީލުން ކުރިން ބުނެފައިވަނީ ރަފަހް ބޯޑަރު ހުޅުވާލާނީ އެންމެ ފަހު އަސީރުގެ ހަށިގަނޑު ލިބުމުން ކަމަށެވެ. އެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ލިބިފައިވާއިރު، އެމީހާ ވަޅުލާފައިވަނީ ބުދަ ދުވަހުއެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެވަނަ މަރުހަލާއަށް ގޮސްފައިވާ ކަމަށާއި، އަމާޒަކީ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން ކަމަށް ބުނެފައެވެ. ނަމަވެސް، ހަމާސްއާއި އިސްރާއީލުންވެސް ދަނީ އެއްބަޔަކު އަނެއްބަޔަކު އެއްބަސްވުމާ ޚިލާފުވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

މި އެއްބަސްވުމުގެ ޖާމިނުންގެ ގޮތުގައި ތިބި މިޞްރާއި، އެމެރިކާއާއި، ޤަޠަރާއި އަދި ތުރުކީއަށް ހަމާސްއިން ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އެއްބަސްވުމަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި “ވަރުގަދަ ފިއްތުންތަކެއް” ކުރިމަތިކުރުމަށް ގޮވާލާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް، އިސްރާއީލުގެ ހަމަލާތަކުގައި 490 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން، މިހާތަނަށް ޖުމްލަ 71,600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close