ބޭރުދުނިޔެ

ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް – މަރުވެފައިވާ މީހުންނަށްވެސް އަމާންކަމެއް ނެތް

ޣައްޒާ ސިޓީ – ޣައްޒާގެ އިރުމަތީގައިވާ ތުއްފާޙް އަވަށުގެ އަލް-ބަޠްޝް ގަބުރުސްތާނުން ފެނުނު ހިތްދަތި މަންޒަރުތައް ފާތިމާ ޢަބްދުﷲގެ ހިތުން ފިލައިގެންނެއް ނުދެއެވެ. އިސްރާއީލު ސިފައިން ރަހީނުކޮށްފައިވާ އެންމެ ފަހު މީހާގެ ހަށިގަނޑު ހޯދުމަށް މި ހަފުތާގައި އެ ގަބުރުސްތާނު ކޮނެ، އެތަން ވަނީ ބަދުނާމުކޮށް ސުންޕާކޮށްފައެވެ.

އެ ގަބުރުސްތާނަކީ، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި ފާތިމާގެ ފިރިމީހާގެ އިތުރުން، އެ ސިޓީގެ އެތައް ހާސް އާއިލާތަކެއްގެ މަރުވެފައިވާ މީހުން ވަޅުލާފައިވާ ތަނެކެވެ. ތިން ކުދިންގެ މައެއް ކަމަށްވާ ފާތިމާ “އަލްޖަޒީރާ” އަށް ކިޔައިދިން ގޮތުގައި، އިސްރާއީލު ސިފައިން އެ ގަބުރުސްތާނުގައި ހިންގި އޮޕަރޭޝަނުގެ ސަބަބުން އޭނާއަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވިއެވެ.

“އަހަރެމެން އެންމެން ތިބީ ނޭވާ ހިފަހައްޓާލައިގެން. އަލް-ބަޠްޝް ގަބުރުސްތާނުގައި އެކަން ހިނގަމުންދާކަން އެނގުމުން، ކޮންމެ މީހަކުވެސް ބިރުގަތީ ތިމާގެ ލޯބިވާ މީހާގެ މަހާނައަށް ވާނެ ގޮތަކާމެދު. ފިރިމީހާގެ މަހާނައާ ދިމާލަށް އެ މެޝިންތައް ކައިރިވާ މަންޒަރު ސިފަވެފައި، އަހަރެންނަށް ދުޢާ ކުރެވުނު،” ފާތިމާ ބުންޏެވެ.

ފާތިމާގެ ފިރިމީހާ، މުޙައްމަދު އައް-ޝަޢުރާވީ ޝަހީދުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 11 ގައި ތުއްފާޙް ސަރަހައްދުގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައެވެ. އެ ހަމަލާ ދިން އިރު ފާތިމާ އާއި އޭނާގެ ދަރިން ތިބީ ޣައްޒާގެ ދެކުނަށް ހިޖުރަކޮށްފައެވެ.

“މަރުވެފައިވާ މީހުންނަށްވެސް އެމީހުން އަމާންކަމެއް ނުދިން،” މަރުވުމަށްފަހު މައްޔިތުންނަށް ލިބެންޖެހޭ އިހުތިރާމާއި ގަދަރަށް އަރައިގަތް އަރައިގަތުން ސިފަކުރަމުން ފާތިމާ ބުންޏެވެ. “ކަށިތަކާއި ހަށިގަނޑުތައް އޮތީ އެކި ތަންތަނަށް އުކާލާފައި. މަހާނަތައް މަތިން ބުލްޑޯޒަރު ދުއްވައި، އިންސާނުންގެ ތަރުކާ ހިރަފުހާ އެއްކޮށްލީ އެއްވެސް އަގެއް ނެތް އެއްޗެއް ފަދައިން.”

އިސްރާއީލުގެ ފުލުހެއް ކަމަށްވާ ރާން ގްވީލީގެ ހަށިގަނޑު ހޯދުމަށް ހިންގި މި އޮޕަރޭޝަނުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަސްކަރީ ބަރު މެޝިނަރީ ބޭނުންކޮށްގެން ގާތްގަނޑަކަށް 250 މަހާނަ ވަނީ ކޮނެފައެވެ. ވައިގެ މަގުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިކަމުގެ ސަބަބުން ގިނަ ދުވަސްވީ މަހާނަތަކާއި އާ މަހާނަތައް ކޮނެވި، މަހާނަގާތައް ހަލާކުވެ، މުޅި ގަބުރުސްތާނުގެ ސިފަ ވަނީ މުޅިން ބަދަލުވެފައެވެ.

“އަހަރެން އަބަދުވެސް އޭނާގެ ގާތަށް ޒިޔާރަތްކުރަން. ބަންދު ދުވަސްތަކުގައާއި އޭނާގެ އުފަންދުވަހު ކުދިން ގޮވައިގެން ދަން. އެންމެ ހައިރާންވާ ކަމަކީ، އަހަރެންގެ ދަރިންނަށް އެތަނަށް ދާއިރު އެއީ ހިތާމަވެރި ތަނެއްގެ އިހުސާސެއް ނުކުރެވޭ. އެކުދިންނަށް ހީވަނީ ހަމަ ހަގީގަތުގައިވެސް ބައްޕައާ ބައްދަލުކުރަން ދެވެނީހެން،” ފާތިމާ ކިޔައިދިނެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ޝުޖާއިއާ ސަރަހައްދުން މީހުން ހުސްކުރަން އެންގުމުން، ފާތިމާއަށް އެ ގަބުރުސްތާނަށް ދިއުމުގެ މަގު ބަންދުވިއެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް އިއުލާންކުރުމަށްފަހުވެސް، އެ ސަރަހައްދަކީ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ “ޔެލޯ ލައިން” ކައިރީގައި އޮންނަ ތަނަކަށް ވުމުން އެތަނަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވިއެވެ.

“އެމީހުން ގެންދިޔައީ ކޯއްޗެއް ކަމެއް، އަލުން ލީ ކޯއްޗެއް ކަމެއް އެކަކަށްވެސް ނޭނގެ. އެއްވެސް އެއްޗެއް ބާއްވާފައި އޮތް ކަމެއްވެސް ނޭނގެ،” ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާގައި ފިރިމީހާގެ މަހާނަ ބަލާލަން ދެވޭނެ ކަމުގެ އުންމީދުގައި ހުރި ފާތިމާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، “ޣައްޒާގެ ރައްޔިތުންނަށް ދިރިތިބިއިރު ހިތާމަފާޅުކުރުމުގެ ފުރުސަތެއްވެސް ނުލިބުނެވެ. އަދި މިހާރު މިވަނީ މަރުވުމަށްފަހު އަހަރެމެންގެ ލޯބިވާ މީހުން ވަޅުލާފައިވާ މަހާނަތައްވެސް ފޭރިގެންފައެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close