ބޭރުދުނިޔެ

ރަޝިޔާއިން މިއަދު ޔޫކްރެއިނަށް ދިންހަމަލާއެއްގައި ދެމީހަކު މަރުވެއްޖެ

ޔޫކްރެއިނުގެ ކީވް ސަރަޙައްދުގެ ބީލޯހޮރޮޑްސްކާ އަށް ރަޝިޔާއިން ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާއިރު، ޔޫކްރެއިނުގެ މެދުތެރޭގެ ދިނީޕްރޯޕެޓްރޮވްސްކް ސަރަޙައްދަށް ދިން ޑްރޯން ހަމަލާއެއްގައި އިތުރު މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ދިން މި ނުރައްކާތެރި ހަމަލާތައް އަމާޒުވެފައިވަނީ، ޔޫކްރެއިނުގެ އިރުއުތުރުގެ ޚާރްކީވްގައި ދަތުރުކުރަމުންދިޔަ ރޭލަކަށް ދިން ވަރުގަދަ ޑްރޯން ހަމަލާއަކަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މި ހަމަލާއަކީ “ޓެރަރިޒަމް” ގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެވަގުތު އެ ރޭލުގައި 200 އެއްހާ މީހުން ދަތުރުކުރަމުންދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބުދަ ދުވަހު އޮޑެއްސާ ސަރަޙައްދުގެ ބަނދަރުގެ ވަސީލަތްތަކަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު އޮލެގް ކީޕަރް ވިދާޅުވިއެވެ.

ވެރިރަށް ކީވްގައި ހުރި 17 ބުރީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާ އެރުމުގެ ސަބަބުން، އިމާރާތުގެ ފުރާޅަށާއި މަތީ ބުރިތަކުގެ ކުޑަދޮރުތަކަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ރަޝިޔާއިން ޔޫކްރެއިނުގެ ކަރަންޓު ނިޒާމަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ކީވްގެ މީހުން ދިރިއުޅޭ ބައެއް އިމާރާތްތަކުން އަދިވެސް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ޔޫކްރެއިނުގެ ވައިގެ ސިފައިން ހާމަކުރި ގޮތުގައި، ރަޝިޔާއިން ވަނީ އިސްކަންދަރު-އެމް ބެލިސްޓިކް މިސައިލަކާއި 146 ޑްރޯން ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތެއްގައި ހަމަލާދީފައެވެ. މީގެ ތެރެއިން 103 ޑްރޯން ޔޫކްރެއިނުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ.

އަލްޖަޒީރާގެ ރިޕޯޓަރު އޯޑްރީ މެކްއަލްޕައިން ކީވްއިން މައުލޫމާތު ދިން ގޮތުގައި، އަންގާރަ ދުވަހުގެ ރޭ ޚާރްކީވް ސިޓީ ކައިރިން ދަތުރުކުރި ރޭލަކަށް ދިން ޑްރޯން ހަމަލާގައި ފަސް މީހަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ.

މެކްއަލްޕައިން އިތުރަށް ބުނި ގޮތުގައި، މި ހަމަލާއާ ގުޅިގެން ޔޫކްރެއިނުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވަނީ އިތުރުވެފައެވެ. އެ ގައުމުގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައި އޮތުމުން، އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމަށް ގިނަ ބަޔަކު ބަރޯސާވަނީ ރޭލުގެ ޚިދުމަތަށެވެ. އަދި މިއީ ފާއިތުވި ހަފުތާތަކުގައި ރޭލު ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ ނަތީޖާއެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close