ޤައުމުގެ ކުރިމަގު އުޖާލާކުރެވޭނީ ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބޮޑު ޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ދެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމްދީނަށާއި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށެވެ.
ތަޢުލީމީ ދާއިރާގެ އެންމެހާ ޚިދުމަތްތެރިންނަށާއި، ބެލެނިވެރިންނަށް އަދި ދަރިވަރުންނަށް އައު އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ، ތަޢުލީމު އުނގަންނައިދިނުމަކީ ދީނީ އަދި ޤައުމީ ބޮޑު ޒިންމާއެއް ކަމަށެވެ. ދިވެހީން އެދޭ ފާގަތި މުސްތަޤުބަލެއް ހޯދުމަށްޓަކައި، މި ޒިންމާ އަދާކުރުމުގައި ހުރިހާ ފަރާތްތަކަކުން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާވެ، ހެޔޮލަފާ އަދި ތޫނުފިލި ދަރީންތަކެއް ބިނާވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ކިޔެވުން ފެށިގެންދިޔައިރު، މިއީ ޤައުމީ ތަރައްޤީގެ މުހިއްމު ފެށުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...