އެންސީއައިޓީ އުވާލައްވައި ‘މޯލްޑިވްސް ޑިޖިޓަލް ސާވިސް’ގެ ނަމުގައި އާ އިދާރާއެއް ރައީސް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، “މޯލްޑިވްސް ޑިޖިޓަލް ސާވިސް”ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައި، ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) މިއަދު އުވާލައްވައިފި އެވެ. ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިނގަމުންދާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި އިދާރާ އުފެއްދެވީ ސަރުކާރުގެ ‘ޑިޖިޓަލް-ފަސްޓް ނޭޝަން’ ތަސައްވުރުގެ ދަށުން އެކުލަވާލާފައިވާ ‘މޯލްޑިވްސް 2.0 ރޯޑްމެޕް’ ތަންފީޒު ކުރުމުގެ މަގްސަދުގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެވުނު މި މަގުޗާޓުގައިވާ ކަންކަން ތަންފީޒު ކުރުމުގެ އެންމެ އިސް ޒިންމާ ހަވާލުކޮށްފައިވަނީ އަލަށް އުފެއްދެވި މޯލްޑިވްސް ޑިޖިޓަލް ސާވިސްއާ އެވެ.
އެންސީއައިޓީން މިހާތަނަށް ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ދެން ކުރިއަށް ގެންދާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މި އާ އިދާރާއަށް ފޮނުވާ ރަސްމީ ސިޓީތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ނަންބަރަކީ 1137 ކަމުގައި ރައީސް އޮފީހުން ވަނީ އަންގަވާފަ އެވެ.

