ވިޔަފާރި ބަނދަރުގެ ލޮރީ ޑްރައިވަރުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކާއި، މުދާ އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ.
ޑްރައިވަރުން ފާހަގަކުރި މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި، ބަނދަރާ ކައިރިން ލޮރީތަކަށް ޕާކިންގ ހަމަޖެއްސުމާއި، ބާއުޅަނދުތައް ނައްތާލައި އާ އުޅަނދު ރަޖިސްޓްރީކުރުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މުދާ ކްލިއަރ ކުރުމަށް ތައްޔާރުކުރާ އެޕްގެ މަސައްކަތް އަވަސްކުރުމަށާއި، ލޮރީ ދުއްވުމަކީ ސަރުކާރުން ބަލައިގަންނަ ރަސްމީ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެބޭފުޅުން އެދިވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ޑްރައިވަރުން ހުށަހެޅި ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.


