ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތަކުން ފަސިންޖަރުންނަށް ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ، މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެތެރޭގެ އުދުހުންތައް ހިތްފަސޭހަކަމާއެކު ފެށޭނެ ސަރަހައްދަކަށް ވާނެ ކަމަށެވެ. މީގެކުރިން ސީޕްލޭން ޗެކިން އޭރިއާ ހުރީ ކުރީގެ ޓާމިނަލްގަ އެވެ.
މިދިޔަ އަހަރުގެ ޖުލައި 26 ގައި ރަސްމީކޮށް ހުޅުވި އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކުން ހިދުމަތް ފެށުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އެމްއޭސީއެލުން ބުނީ، ސީޕްލޭން ޗެކިން ކައުންޓަރުތައް ގާއިމްކޮށްފައިވާ ސަރަހައްދު ހުންނާނީ އެއާކޯންޑިޝަންކޮށް، ފަސިންޖަރުންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވައިފައިވަނީ އެރައިވަލް ގޭޓާ ޖެހިގެން އޮތް ޖާގައިގަ އެވެ. ސީޕްލޭން ޓާމިނަލް ނޫވިލަށް ފަސިންޖަރުން ދެން ގެންދާނީ މި ސަރަހައްދުންނެވެ. މިގޮތަށް ހިދުމަތް ދިނުމަކީ ފަސިންޖަރުންނަށް ވަގުތު ސަލާމަތްވެ، އެއާޕޯޓުގެ ތެރޭގައި ދަތުރުކުރުމުގެ ފަސޭހަކަން އިތުރުކުރާނެ ކަމެކެވެ.
ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވުމުގެ ކުރިން، މިދިޔަ ޑިސެމްބަރު މަހު ބައެއް ޓްރަޔަލްތައް ބާއްވާފައިވެ އެވެ. މިގޮތުން، ފުރަތަމަ ޓްރަޔަލް ބޭއްވީ ސީޕްލޭންގެ ހިދުމަތް ދޭ ގައުމީ އެއާލައިން މޯލްޑިވިއަން އަދި ވިލާ އެއާގެ ފްލައިމީއާ އެކުގަ އެވެ. މި ޓްރަޔަލްތަކުން ހިދުމަތުގެ ފެންވަރު ކަށަވަރުކުރެވިފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި މަހު ބޭނުންކުރަން ފެށި ނަމަވެސް، ނޫވިލު ސީޕްލޭން ޓާމިނަލްއަށް ދާ މީހުންގެ ޗެކިން އޭރިއާ މިހާތަނަށް ހުރީ ކުރީގެ ޓާމިނަލްގަ އެވެ. މިހާރު މިހިދުމަތް އާ ޓާމިނަލްއަށް ބަދަލުކުރުމަކީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް މަތިކޮށް، ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ފުރިހަމަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށްޓަކައި ޖުމްލަ 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. މި ޓާމިނަލްގެ ހިދުމަތް މިހާރު 39 އެއާލައިނަކަށް ވަނީ ދޭން ފަށައިފަ އެވެ. އެންމެ ފަހުން މި ޓާމިނަލްއިން ހިދުމަތް ދޭން ފެށި އެއާލައިނަކީ ރަޝިޔާގެ ގައުމީ އެއާލައިން އެރޯފްލޮޓް އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...