ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާ ބައެއް ނޫން، އެއީ ޚިދުމަތް ދޭން ތިބޭ ބައެއް: ރައީސް މުޢިއްޒު

ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިންތިޚާބުކުރާ ބައެއް ނޫންކަމަށާއި، އެއީ ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިންތިޚާބުކުރާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޔަތުގައި ކައުންސިލަށް މީހުން ހޮވަން އުޅުމަކީ ރައްޔިތުން ވިސްނަންޖެހޭ “ނުބައި ސިގްނަލެއް” ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުންދޭނެ ކެނޑިޑޭޓުން ހޮވުން މުހިއްމު ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރަކީ ބޯހިޔާވަހިކަމާއި، ސިއްހަތާއި، ތައުލީމީ ދާއިރާއިން އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގާނެ އަހަރެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތްތަކުގައި ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ސަރުކާރަށް އެއްބާރުލުންދޭނެ މަންދޫބުން ރައްޔިތުން އިންތިޚާބުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ފާއިތުވި ދެ އަހަރުގެ ކާމިޔާބީތަކާއި ކުރިއަށް ހުރި މުހިއްމު މަސައްކަތްތަކުގެ ތަފްސީލް، ކުރިއަށް އޮތް ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

