ރައީސުލްޖުމްހޫރިއްޔާ “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” މިއަދު އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް” މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި އޮފީހަކީ، 2025 އޮގަސްޓް 25 ގައި ތަސްދީޤުކުރެއްވި ފިކުރީ މުދަލުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއެކު އުފެދުނު އިދާރާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ އިދާރާއަށް ފޮނުވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ 1136 ކަމުގައި ކަނޑައަޅުއްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާއި، ވިޔަފާރީގެ ދާއިރާގައި އައު އީޖާދުތަކަށް ހިތްވަރުދީ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ. މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ “ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ” އެވެ. މި ޤާނޫނުގެ ދަށުން ރަޖިސްޓްރާރ ޢައްޔަނުކުރުމާއި، މަސްއޫލިއްޔަތުތަކާއި، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
ފިކުރީ މުދަލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަކީ ރާއްޖޭގެ ފަންނުވެރިންނާއި އީޖާދުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށާއި، އަދި މީގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގައި ފިކުރީ މުދަލުގެ ދައުރު ފުޅާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މި ދާއިރާ ތަރައްޤީވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
