22 ދުވަސްތެރޭގައި 96 މަސާޖު ޕާލާއެއް ބަންދުކޮށްފި: ރައީސް މުއިއްޒު

ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް، އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޖުތަމަޢުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެއްގޮތްވެގެން ކަމަށެވެ.
އިމިގްރޭޝަންއާ، އިކޮނޮމިކް މިނިސްޓްރީއާ، ހޯމް މިނިސްޓްރީން ގުޅިގެން ފެށި އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީންވެސް މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުން ހިމެނެއެވެ.
ރައީސް މުއިއްޒު ވަނީ ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް “ނޫނެކޭ” ބުނާ ބަޔަކަށް ވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމަކީ މަސާޖު ޕާލާތަކުގެ ނަމުގައި ހިންގާ ހަށިވިއްކުމުގެ މަސައްކަތްތައް ހުއްޓުވުމާއި، ބިދޭސީން ކޮންޓްރޯލްކުރާ ގަވާއިދާ ޚިލާފު ވިޔަފާރިތައް ނައްތާލުމެވެ.


