ޚަބަރު

ގައުމެއް ކުރިއަރާ ދިއުމުގެ ބިންގަލަކީ އެ ގައުމެއްގެ އެއްބައިވަންތަކަން: ރައީސް މުއިއްޒު

ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާއަކީ އެ ގައުމުގެއްގެ އެއްބައިވަންތަކަން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި ރާއްޖެއަށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވިތާ 21 އަހަރު ފުރުނު ދުވަސް، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރަމުންދާއިރު، ގައުމަށް ކުރިއެރުމާއި ތަރައްގީ ހޯދައި، އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

2004 ވަނަ އަހަރު ޑިސެންބަރު 26 ގައި ގައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ ހަނދާންތައް ދުވަހަކު ވެސް ހިތްތަކުން ފިލައިގެން ނުދާނެ ކަމަށް ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ، ދަތި އުނދަގޫ ހާލަތްތަކުގައި އިސްކުރާ އެއްބައިވަންތަކަން ކަމަށާއި، މުޅި ދުނިޔެއަށް ދިވެހީން މިވަނީ ނަމޫނާ ދައްކާފައި ކަމަށް ވިދާޅުވިއެވެ. ސުނާމީ ކާރިސާއިން ލިބުނު އިބުރަތްތަކުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށް ދިނުމާއި، މެހުމާންދާރީ އަދާކުރުމާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ މުހިންމުކަން ހިމެނެއެވެ.

ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، ދިވެހީންގެ ސަގާފަތާ ގުޅިފައިވާ އުޅަނދެއްކަމަށްވާ ދޯންޏެއްގެ މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ، ދޯންޏެއްގެ މަޑޫތައް ރަނގަޅަށް ހިމުންކޮށް ގުޅިފައި ހުންނަންޖެހޭ ފަދައިން، ގައުމީ ކުރިއެރުމަށް އެއްބައިވަންތަކަން ނުހަނު މުހިންމު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close