ދިވެހި ބަހާއި ދިވެހިވަންތަކަން ކުރިއެރުވުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ޚާއްޞަ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ދިވެހި ބަހުގެ އެކަޑަމީން ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ފޮތް ލިޔުއްވާ ގިނަ ބޭފުޅުންނަށް ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމަކީ ކުރިމަތިވާ ބޮޑު ހުރަހެކެވެ. ކުޑަކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ ފަދަ ދިވެހި ފޮތްތައް މަދުވުމުގެ މައްސަލައަކީ ޤައުމީ މައްސަލައެއް ކަމަށާއި، މިކަމަށް އަޅާނުލާ ދޫކޮށްނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “މިއީ ޤައުމީ މައްސަލައެއް، މިއީ އަޅުގަނޑު އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން.” ރައީސް ވިދާޅުވިއެވެ.
ދިވެހި ބަސް ކުރިއެރުވުމަށް ކުޑަކުދިންނަށް ޚާއްސަކޮށް ދިވެހި ކާޓޫނު ފިލްމުތަކާއި ޤައުމީ ހާދިސާތަކުގެ ފިލްމުތައް މަދުވުން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، އަންނަ އަހަރުން ފެށިގެން ބޮޑެތި އިނާމުތަކާއެކު ދިވެހި ބަހާއި ސަޤާފަތާއި ތާރީޚުގެ ދާއިރާއިން ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ހުޅުވާލާނެ ކަމަށާއި، ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. އަދި ލިޔުންތެރިންނަށް އެމީހުންގެ އަދަބީ ޤާބިލުކަން ޤައުމީ މަޞްލަޙަތަށް ބޭނުންކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...